ކ. މާފުށީގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ސެލްފް ސާވިސް އޭޓީއެމް ސެންޓަރެއް ހުޅުވައިފި އެވެ.
މި އޭޓީއެމް ސެންޓަރު ހުޅުވައިދެއްވީ އެމްއައިބީގެ ސީއީއޯ އަދި އެމްޑީ މުފައްދަލް އިދްރިސް ކުމްރީ އަދި މާފުށީ ކައުންސިލްގެ ރައީސް ހުސެއިން ސޮލާހު އެވެ.
އެމްއައިބީން ބުނީ، މި އޭޓީއެމް ސެންޓަރުން ދިވެހި ރުފިޔާ އަދި އެމެރިކާ ޑޮލަރު ނެގޭނެ ކަމަށާއި، ޖަމާ ކުރުމުގެ ހިދުމަތް ވެސް ލިބޭނެ ކަމަށެވެ.
އޭޓީއެމް ހުޅުވައިދެއްވުމަށް ފަހު އެމްއައިބީގެ ސީއީއޯ ވިދާޅުވީ، މި އޭޓީއެމްގެ ސަބަބުން ފަތުރުވެރިންނާއި އެ ރަށަށް ޒިޔާރަތްކުރާ މީހުންގެ އިތުރުން ރަށުގައި ދިރިއުޅޭ މީހުންނަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
އެގޮތުން، މާފުއްޓަށް އަހަރެއްގެ މައްޗަށް ދެ ލައްކައެއްހާ ފަތުރުވެރިން ޒިޔާރަތް ކުރެ އެވެ. އަދި އެ ރަށަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ދިވެހިން ވެސް ޒިޔާރަތް ކުރެ އެވެ.
އެމްއައިބީން، އަންނަނީ އެ ބޭންކުން ދެމުން އަންނަ ހިދުމަތްތައް އަތޮޅު ތެރޭގައި ތައާރަފް ކުރަމުންނެވެ.