ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، އެފްއޭއެމްގެ ފައިސާއިން ގަތް ދެ އެޕާޓްމެންޓް، މިރޭ 12 ޖެހިއިރު ފުލުހުންނާއި ހަވާލުކޮށްފި އެވެ.
ފުލުހުން ބުނާ ގޮތުގައި، ކޯޓު އަމުރެއްގެ ދަށުން އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން ބައްސާމް ގަތް ދެ އެޕާޓްމެންޓް ފުލުހުންނާއި ހަވާލުކުރަން އެންގުމުން، ބައްސާމްގެ ފަރާތުން އެ ދެ އެޕާޓްމެންޓް ހުސްކުރުމަށް އިތުރު ވަގުތު ބޭނުންވާކަމަށް ލިޔުމަކުން އެދިފައިވެ އެވެ. އެގޮތުން، އެޕާޓްމެންޓް ހުސްކުރުމަށް މި މަހުގެ 31 ވަނަ ދުވަހާއި ހަމައަށް ވަގުތު ދިނުމަށް އެދިފައިވާކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެ އެވެ.
ފުލުހުން އިތުރަށް ބުނީ، ބައްސާމްގެ ހާލަތަށް ބަލައި، އޭނާ އެދުނު ގޮތަށް އެޕާޓްމެންޓު ހުސްކުރުން މި މަހުގެ 31 ވަނަ ދުވަހަށް ފަސްކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. އެހެންނަމަވެސް، ކޯޓުން އެ ދެ އެޕާޓްމެންޓް ހުސްކޮށް ފުލުހުންނާއި ހަވާލުކުރުމަށް ދީފައިވާ މުއްދަތަކީ އިއްޔެގެ ނިޔަލަށްކަން ފާހަގަކޮށްފައިވެ އެވެ.
ފުލުހުންގެ މަޢުލޫމާތުގައިވާ ގޮތުން، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އެފްއޭއެމްއިން ނެގި ލޯނެއްގެ ފައިސާ ބޭނުންކޮށްގެން، ބައްސާމް ހުޅުމާލެއިން ގަނެފައިވަނީ އަމީން ކޮންސްޓްރަކްޝަންގެ ދެ ފްލެޓެވެ. އެއީ އަމީން އެވެނިއުގެ A1205 އާއި A1206 ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. މި ދެ އެޕާޓްމަންޓް ގަތުމަށް އެފްއޭއެމްއިން ޖުމްލަ 3,084,000 ރުފިޔާ ހަރަދުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ ބައްސާމްއާއި އެފްއޭއެމްގެ ކުރީގެ ފައިނޭންސް ޑިޕާޓްމަންޓްގެ ހެޑް މުޙައްމަދު އަގީލްގެ މައްޗަށާއި، އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ، މި މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާއިރު، އިތުރު މަޢުލޫމާތު ލިބުމުން އާންމުކުރާނެ ކަމަށެވެ.