ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ފަރާތުން ސިއްހީ ދާއިރާއިން ރާއްޖެއަށް ސަރަހައްދީ ދެ އެވޯޑެއް ލިބިއްޖެ އެވެ.
މި މަޢުލޫމާތު ހާމަކޮށްފައިވަނީ ހެލްތު މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ.
މި އެވޯޑުތައް ދީފައިވަނީ މި މަހުގެ 31 ވަނަ ދުވަހު އިންޑިއާގެ ނިއުދިއްލީގައި ބޭއްވުނު 77 ވަނަ ސައުތުއީސްޓް އޭޝިއާ ރީޖަނަލް ކޮމިޓީ ބައްދަލުވުމުގަ އެވެ. މި ބައްދަލުވުމުގައި އާންމު ސިއްހަތުގެ ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ ގައުމުތައް ވަނީ ފާހަގަކޮށްފަ އެވެ.
ރާއްޖެއަށް ލިބުނު ދެ އެވޯޑަކީ ޕަބްލިކް ހެލްތު އެޗީވްމަންޓް އެވޯޑުތަކެކެވެ. މި އެވޯޑުތައް ލިބިފައިވަނީ ކުޑަކުދިންގެ މެދުގައި ހެޕަޓައިޓިސް ބީ ކޮންޓްރޯލްކުރުމާއި، 5 އަހަރުން ދަށުގެ ކުޑަކުދިން މަރުވާ މިންވަރު ދަށްކުރުމާއި، އަދި ޅަފަތުގައި މަރުވާ ކުޑަކުދިންގެ ނިސްބަތް މަދުކުރުމުގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް (އެސްޑީޖީ) ހާސިލްކުރުމުގެ ދާއިރާއިން ނެވެ.
ރާއްޖޭގެ އިތުރުން ސައުތު ކޮރެއާ، އިންޑޮނޭޝިއާ، ސްރީލަންކާ އަދި ތައިލެންޑަށްވެސް މި ބައްދަލުވުމުގައި އާންމު ސިއްހަތުގެ ކާމިޔާބީގެ އިނާމު ވަނީ ދީފަ އެވެ.
މި އެވޯޑުތައް ލިބުމަކީ ރާއްޖޭގެ ސިއްހީ ދާއިރާއިން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ހިތްވަރެއް ކަމުގައި ބެލެވެ އެވެ. އަދި މިއީ ރާއްޖޭގެ ސިއްހީ ޚިދުމަތްތައް ރަނގަޅުކޮށް ތަރައްގީކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ނަތީޖާ ކަމުގައިވެސް ދެކެވެ އެވެ.