ވަކި ވަރަކަށް ޕާޓީގެ ދަފްތަރުގައި މެންބަރުން ހަމަނުވިޔަސް، ދައުލަތުން ސިޔާސީ ފާޓީތަކަށް ފައިސާ ދޭގޮތަށް ސިޔާސީ ޕާޓީތަކާއި ބެހޭ ގާނޫނު ބަދަލުކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ ”ޖަވިޔަނި“ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އީސީ އިން މިގޮތަށް ނިންމާފައިވަނީ ސިޔާސީ ޕާޓީތަކާއި އެކު ބޭއްވުނު މަޝްވަރާއާއިއެކު ކަމަށެވެ. ޒަކަރިއްޔާ ވިދާޅުވީ މި އިސްލާހީއާއި އެކު 3،000 މީހުން ހަމަވާ ހުރިހާ ޕާޓީތަކަށް ކަނޑައަޅާ ޖުމްލަ ބަޖެޓުގެ 25 އިންސައްތަ ލިބޭނެ ކަމަށެވެ. އަނެއް 25 އިންސައްތަ ދޭނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް ކަމުގައި ޒަކަރިއްޔާ މައުލޫމާތު ދެއްވި އެވެ.
ހަމަ އެއާއެކު، ބާކީ 50 އިންސައްތަ ބަހާލާނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ލިބޭ ނިސްބަތަށް ބަލައިގެން 30 އިންސައްތަ ލިބޭ ގޮތަށް ކަމަށާއި، ލޯކަލް ކައުންސިލްގައި ވޯޓު ލިބޭ ނިސްބަތަށް ބަލައި އަނެއް 20 އިންސައްތަ ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޝްވަރާކުރި އިސްލާހުގައިވާ ކަމަށް ޒަކަރިއްޔާ ވިދާޅުވި އެވެ.
އޭގެ އިތުރަށްވެސް، ”ޖަވިޔަނި“ އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޒަކަރިއްުޔާ ވިދާޅުވީ ސިޔާސީ ޕާޓީތަކާއިއެކު މިއަދު ބޭއްވި ބައްދަލުވުމުގައި އެމްއެންޕީގެ ފަރާތުން އައި މަންދޫބު އެހެން ހިޔާލެއް ހުށަހެޅި ކަމަށެވެ. އޭނާ ވަނީ ސިޔާސީ ޕާޓީތަކަށް ލިބޭ ފަންޑުން އަމިއްލައަށް ފުދޭނެ ކަމަށް ބުނެ، ދައުލަތުގެ ބަޖެޓްއިން ދޭ އެއްޗަކާއި ނުލާވެސް ޕާޓީތައް ހިންގިދާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އެމްއެންޕީ އިން ހުށަހެޅި އެ ހިޔާލަށް އެއްވެސް ޕާޓީއަކުން ތާއީދު ނުކުރާ ކަމަށް ޒަކަރިއްޔާ ހާމަކުރެއްވި އެވެ.
ޒަކަރިއްޔާ ވިދާޅުވީ މިދިޔަ އަހަރުވެސް އަދި މި އަހަރުވެސް ސިޔާސީ ޕާޓީއަކަށް ދައުލަތުން ގާތްގަނޑަކަށް 33 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މައުލޫމާތު ދެއްވާފަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ”ޖަވިޔަނި“ އަށް ވިދާޅުވީ އީސީ އިން ސިޔާސީ ޕާޓީތަކުގެ މަޝްވަރާގެ މަތިން މިގޮތަށް ނިންމެވި ނަމަވެސް މިފަދަ އިސްލާހެއް ގާނޫނަށް ގެނެވޭނީ ދިގު މަރުހަލާއެއްގެ ތެރެއިން ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން، މި ހަފްތާ ނިމުމުގެ ކުރިންވެސް އީސީ އިން މި ކަންތަކުގެ ރަސްމީ މަޝްވަރާތައް އޭޖީ އޮފީހަށް ހުށަހަޅުއްވުން އެކަށީގެންވާ ކަމަށް ވިދާޅުވި އެވެ. އަދި މި ގާނޫނަށް އިސްލާހު ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެވެސް ބަހެއް އޮވެގެން ކަމުގައި ފުއާދު އޮޅުންފިލުވާދެއްވި އެވެ.