ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްއިން ހިންގި ޕޯންޒީ ސްކީމުގެ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އަދި އޭނާގެ ދެ ކޮއްކޮގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އެ ތިންބެއިން އިންކާރު ކޮށްފި އެވެ.
މަކަރާ ހީލަތުން ގިނަ ދިވެހި ރައްޔިތުންތަކެއްގެ އަތުން ފައިސާ ހޯދާ އެ ފައިސާ ލޯންޑާކޮށްފައިވާ މައްސަލައިގައި 3 ނޮވެންބަރު 2023 ގައި ދައުވާ ކޮށްފައިވަނީ އެ ކުންފުނިޣެ ހިއްސާދާރުން ކަމަށްވާ އަލްހާން ފަހުމީ އަދި އޭނާގެ ކޮއްކޮ ޝަހުބާން ފަހުމީ އަދި ޝަޒްބާން ފަހުމީގެ މައްޗަށެވެ.
މި މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ވަނީ މި ތިން ބެއިންގެ މައްޗަށް އުފުލި ދައުވާތައް އިއްވާފަ އެވެ. ދައުވާތައް އިއްވުމުން މި ތިން މީހުންގެ ވަކީލުން ކަމަށްވާ، އަލީ ސައީދާއި އައިޝަތު އާޒިމާ ޝަކޫރު ވަނީ ދައުވާތައް ސާފުނުވާ ކަމަށްބުނެ ގިނަ ސުވާލުތަކެއް ދައުލަތުގެ ވަކީލުންނާ ކުރިމަތި ކުރުވާފަ އެވެ. އަދި ދައުލަތުގެ ވަކީލުން އެ ސުވާލުތަކަށް ޖަވާބު ދިނުމުންވެސް ދިފާއީ ވަކީލުން ވަނީ ދައުވާ ސާފުނުވާ ކަމަށްބުނެ ތަކުރާރުކޮށް އެކަން ފާހަގަ ކޮށްފަ އެވެ.
އެހެންނަމަވެސް މައްސަލަ ބައްލަވާ ގާޒީ ވަނީ ތިން މީހުންވެސް ކޮންމެވެސް އެއްގޮތަަކަށް ދައުވާއަށް ޖަވާބުދާރީވުމަށް އަންގަވާފަ އެވެ. އެގޮތުން އެންގުމުން އެ ތިން ބެއިންވެސް ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.
މި މައްސަލައިގައި އަލްހާން ފަހުމީގެ މައްޗަށް ޓެކުމުގެ ކުށުގެ 13 ދައުވާ، ޞަޙުބާން ފަހުމީގެ މައްޗަށް ޓެކުމުގެ ކުށުގެ 13 ދައުވާ އަދި ޝަޒްބާން ފަހުމީގެ މައްޗަށް ޓެކުމުގެ ކުށުގެ 13 ދައުވާ އުފުލާފައިވެ އެވެ.
ދައުވާ ކުރި ސަބަބު:
މި ދަޢުވާތައް ކޮށްފައިވާ ސަބަބުގެ ގޮތުން ޕީޖީން މީގެކުރިން ބުނެފައިވަނީ އަލްހާނު ފަހުމީއާއި، ޞަޙުބާން ފަހުމީއާއި، ޝަޒްބާން ފަހުމީގެ އާއިލީ ކުންފުންޏެއްކަމަށްވާ ކިންގްސް ކެޕިޓަލް ހޯލްޑިވްސްއިން 2021 އަދި 2022 ވަނަ އަހަރު ތެރޭގައި އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ކިންގްސް ފޮރެކްސް ޓްރޭޑިންގގެ އިންވެސްޓްމަންޓްގެ އެކި ޕެކޭޖްތަކުން މާލީ މަންފާއެއް ހޯދައިދޭނެކަމަށް ދައްކައިގެން، އާންމު އެކި މީހުން އަތުން އެކި އަދަދުތަކުން ފައިސާ ނެގުމަށްފަހު، އެ ފައިސާއިން ކޮށްދޭން އެއްބަސްވި ކަންތައް ކޮށްނުދީ ފައިސާ ޓަކައިގެންފައިވާތީ އެވެ.
ކިންގްސް ކެޕިޓަލް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑްއިން އާންމުކޮށްފައިވާ ސްކީމަށް އެކި މީހުން 98 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ އިންވެސްޓްކޮށްފައިވާ ކަމަށް ޕީޖީން މައުލޫމާތުދެ އެވެ. މި މައްސަލައިގައި ދައުވާކޮށްފައިމިވަނީ އޭގެ ތެރެއިން 13 މީހުންގެ ބައިގަ އެވެ. އިތުރު މައްސަލަތައް ފުލުހުން ތަހުގީގު ކުރާކަން އޭރު ހާމަކޮށްފައިވެ އެވެ.
ކްރިމިނަލް ކޯޓު އަލްހާން ފަހުމީ ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)