”މަގޭ ސޯލާ“ ޕްރޮގްރާމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ތިމާވެށްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ކައުންސިލުތަކަށް އިލްތިމާސް ކުރައްވައިފި އެވެ.
މި އިލްތިމާސް ކުރެއްވީ މިއަދު ބ. އަތޮޅު ކައުންސިލްގެ އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއު ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރު ވިދާޅުވީ ހަކަތައަކީ ޤައުމެއްގެ އިޖްތިމާއީ އަދި އިޤްތިޞާދީ ތަރައްޤީއަށް ބޭނުންވާ ވަރަށް މުހިންމު އަސާސީ ވަސީލަތެއް ކަމަށެވެ. އަދި ރާއްޖޭގެ ތަރައްޤީ ކުރިއަރުވަން އޮތީ ހަކަތައިގެ ދާއިރާ މިހާރަށްވުރެ ބޮޑަށް ރަނގަޅުކޮށްގެން ކަމުގައި ފާހަގަކުރެއްވި އެވެ.
”މަގޭ ސޯލާ ޕްރޮގްރާމަށް ރައްޔިތުން ހޭލުންތެރިކުރުވުމުގައާއި އަދި އެކަމަށް އެދި ޔުޓިލިޓީއަށް ހުށަހެޅުމުގައި ގޭބިސީތަކަށް ހިތްވަރުދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުމަކީ އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކުން އަޅުގަނޑު ވަރަށް އެދޭ ކަމެއް،“ މިނިސްޓަރު ވިދާޅުވި އެވެ.
2028 ވަނަ އަހަރާ ހަމައަށް ރާއްޖެއަށް ބޭނުންވާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފެއްދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގެ މުހިންމު ބައެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި މި ދާއިރާއިން ކުރާ މަސައްކަތްތަކުގައި ކައުންސިލުތަކުން ބައިވެރިވަމުންދާކަން އުފަލާއެކު ފާހަގަކުރެއްވި އެވެ.
”މަގޭ ސޯލާ ޕްރޮގްރާމް“ ގެ ފުރަތަމަ ފިޔަވަހީގެ ދަށުން 750 ގޭބިސީއަށް ސޯލާ ޕީވީ ސިސްޓަމް ފޯރުކޮށްދެވޭނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެ އެވެ. މި ޕްރޮގްރާމުގެ ސަބަބުން ގޭބިސީތަކުގެ ކަރަންޓު ބިލު ބޮޑުތަނުން ކުޑަވެ، އަހަރަކު 1.4 މިލިއަން ލީޓަރުގެ ތެޔޮ ސަލާމަތްކުރެވޭނެ ކަމަށް ބެލެވެ އެވެ.
މިނިސްޓަރު ޠާރިޤު އިބްރާހީމް ވަނީ ހަކަތައިގެ ދާއިރާ ކުރިއެރުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިރުޝާދާއި ލަފަޔަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ހަކަތައިގެ ޚިދުމަތް ފޯރުކޮށްދިނުމަށް އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކުރުން އިތުރުކުރުމަކީ ސަރުކާރުގެ އިސް އަމާޒެއް ކަމުގައި ވިދާޅުވި އެވެ.
މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް