ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް އުފުލާފައިވާ ދައުވާގައި، އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ބައެއް ހެކި ސިއްރު ކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި ދައުލަތުން އެދިއްޖެ އެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، އިތުރު ކުށުގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ބައްސާމްގެ މައްޗަށް އުފުލާފައިވަނީ ހިޔާނާތްތެރިވުމުގެ ދައުވާއާއި މަނީލޯންޑްރިންގެ ދައުވާ އެވެ.
މި މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ބޭއްވިއިރު، ދައުލަތުން ސިއްރު ކުރުމަށް އެދިފައިވަނި އެފްއޭއެމްގެ ބޭންކް ސްޓޭޓްމަންޓާއި ބައްސާމުގެ އެކައުންޓުން ފައިސާ ޖަމާކޮށްފައިވާ ބައެއް މީހުންގެ އެކައުންޓް ސްޓޭޓްމަންޓްތަކެވެ. ދައުލަތުން މި ހެކުތައް ސިއްރު ކުރުމަށް އެދުނުނަމަވެސް ދިފާއުން ބޭނުންވާ ހާލަތެއްގައި ކޯޓުގައި އެތަކެތި ބެލުމުގެ އިންތިޒާމު ހަމަޖެއްސުމަށް ދެކޮޅު ނަހަދާ ކަމަށް ދައުލަތުގެ ވަކީލުން ބުނެފައިވެ އެވެ.
ދައުލަތުން ހެކިތަކެއް ސިއްރު ކުރުމަށް އެދިފައިވާކަން ކުރިން އެނގިފައި ނެތުމުން ބައްސާމްގެ ވަކީލު އިބްރާހިމް ޝަމީލް ވަނީ ހެކި ސިއްރުކުރުމަށް ދައުލަތުން އެދުނު ފޯމު ހިއްސާ ކޮށްދިނުމަށް އެދިފަ އެވެ. މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ އެ ލިޔުންތަކުގެ ކޮޕީ މިއަދު ހިއްސާ ކޮށްދޭނެ ކަމަށެވެ. މީގެއިތުރުންވެސް ބައެއް ލިޔުންތަކުގެ ކޮޕީ ސާފުނޫންކަން ބައްސާމްގެ ވަކީލު ފާހަގަ ކުރުމުން ކޯޓުން ވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ޕީޖީގައި އެދިގެން އެ ލިޔުންތައް ހޯދުމަށް އެދިފަ އެވެ.
މި މައްސަލައިގެ އިތުރު އަޑުއެހުމެއް މިމަހު ފަހުކޮޅު ބާއްވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވި އެވެ.
ބައްސާމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތަފުސީލު:
އެފްއޭއެމްގެ މައްސަލައިގައި ބައްސާމްގެ މައްޗަށް އުފުލާފައިވަނީ ހިޔާނާތްތެރިވުމުގެ ދައުވާއާއި މަނީލޯންޑްރިންގެ ދައުވާ އެވެ.
ހިޔާނާތްތެރިވުމުގެ ދައުވާ އުފުލި ސަބަބުގެ ގޮތުގައި ޕީޖީން މީގެކުރިން ބުނެފައިވަނީ، 2016 ވަނަ އަހަރުން ފެށިގެން އެފްއޭއެމްގެ ރައީސްގެ މަޤާމުގައި ހުރެ، އެފްއޭއެމްގެ ކަންކަމަށް ބޭނުންކުރުމަށްޓަކައި، ފެޑެރޭޝަން އިންޓަރނޭޝަނަލް ޑި ފުޓްބޯލް އެސޯސިއޭޝަން (ފީފާ) ގެ ފަރާތުން އެމެރިކާ ޑޮލަރުން އެފް.އޭ.އެމްއަށް ދެމުން ގެންދިޔަ ފައިސާގެ ތެރެއިން، އެފް.އޭ.އެމްގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައި އޮތް އެކައުންޓަކަށް ފީފާގެ ފަރާތުން 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓު މަހުގެ ތެރޭގައި ޖަމާކޮށްފައިވާ ފައިސާއިން، މީނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަކަށް 10,000.00 ޑޮލަރު ޖަމާކުރުމަށްޓަކައި، ބޭންކްއަށް ހުށަހެޅި ލިޔުންތަކުގައި 10,004.00 ޑޮލަރު ގެ ޓްރާންސްފަރ ކުރުމަށް ލިޔެ، 26 އޮގަސްޓު 2018 ދުވަހު ބޭންކްއަށް ލިޔުން ހުށަހަޅައިފައިވާ ކަމަށެވެ. އަދި ބޭންކް ޗަރޖަސްގެ ގޮތުގައި 5.00 ޑޮލަރު އުނިކުރުމަށްފަހު 9,999.00 ޑޮލަރު ބައްސާމްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާ ޖަމާކުރި ބޭނުމެއްގެ ގޮތުގައި ބޭންކްއަށް ހުށަހެޅި ލިޔުންތަކުގައި ޑޮލަރު ވިއްކައިގެން ލިބުނު ފައިސާކަމަށް ލިޔެފައިވީނަމަވެސް، 9,999.00 ޑޮލަރުއަށްވާ ދިވެހި ފައިސާ، އެއްވެސް އިރަކު އެފްއޭއެމްގެ އެކައުންޓަށް ވަދެފައިވާކަން އެނގެން ނެތް ކަމަށެވެ. އަދި މިފައިސާ ބައްސާމްގެ އަމިއްލަ ބޭނުމަށް ބޭނުންކޮށްފައިވާ ކަމަށެވެ.
މިކުށް ސާބިތުވެއްޖެނަމަ އަންނަ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.
މީގެއިތުރުން ބައްސާމްގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ އުފުލާފައިވަނީ 2016 ވަނަ އަހަރުން ފެށިގެން އެފް.އޭ.އެމްގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައިވާ އެކައުންޓަށް ފީފާގެ ފަރާތުން 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓު މަހުގެ ތެރޭގައި ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން 10،000.00 ޑޮލަރު މީނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކުރުމަށްޓަކައި 26 އޮގަސްޓު 2018 ދުވަހު ބޭންކްއަށް ލިޔުން ހުށަހަޅައިގެން ބޭންކް ޗަރޖަސް އުނިކުރުމަށްފަހު 9،999.00 ޑޮލަރު ބައްސާމްގެ އެކައުންޓަށް ޖަމާކޮށް، އެ ފައިސާގެ ތެރެއިން 1,910.00 ޑޮލަރު 2 ސެޕްޓެންބަރު 2018 ދުވަހު އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކޮށް، ބައްސާމްގެ ޙިއްސާ އޮންނަ ކުންފުންޏެއްކަމަށްވާ ގްލޭސިއަރ އިންވެޓްމަންޓްސް ޕވޓ ލޓޑގެ ކަންކަމަށް ބޭނުންކޮށްފައިވާތީ އެވެ. އަދި އެ ފައިސާގެ ތެރެއިން 2,000.00 ޑޮލަރު 5 ސެޕްޓެންބަރު 2018 ދުވަހު ބައްސާމް ކުއްޔަށް ނަގައިގެން އުޅުނު ކ. މާލެ، ރެހެންދި 6-302 ފްލެޓަށް ކުލި ދެއްކުމުގެ ގޮތުން ބޭނުންކޮށްފައިވާ ކަމަށްވެސް ޕީޖީން މައުލޫމާތުދެ އެވެ.
މީގެއިތުރުން އެފް.އޭ.އެމް އިން ބައްސާމްގެ އެކައުންޓަށް ޖަމާކުރި ފައިސާ، އެކި އަދަދުތަކުން އެކި މީހުންނަށް ފޮނުވައި، އެފް.އޭ.އެމް.އާ ގުޅުމެއް ނެތް ކަންކަމަށް އެފައިސާ ހަރަދުކޮށްފައިވާ ކަމަށްވެސް ޕީޖީން ބުނެފައިވެ އެވެ. އެހެންކަމުން މަނީ ލޯންޑަރކުރުމުގެ ކުށުގެ ދަޢުވާއާއި، ލޯންޑަރކުރުމަށް ބޭނުންކޮށްފައިވާ 10،000.00 ޑޮލަރު ދައުލަތަށް ނަގައިދިނުމަށް އެދިފައިވާ ކަމަށް ޕީޖީން މައުލުމާތުދެ އެވެ.
މިކުށް ސާބިތުވެއްޖެނަމަ އަންނަ އަސާސީ އަދަބަކީ 100,000 ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
ބައްސާމް އަދިލް ޖަލީލް ކްރިމިނަލް ކޯޓު ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)