ދިވެހިރާއްޖޭގެ ތާރީހާއި ރާއްޖެއާއި ގުޅޭ މައުލޫމާތު ރައްކާކުރުމަށް ގާއިމްކުރާ ޑިޖިޓަލް އާކައިވް ޕްރޮޖެކްޓްގެ ޕްރޮޓޯޓައިޕް އިފްތިތާހުކޮށްފި އެވެ.
މި ޑިޖިޓަލައިޒް ނިޒާމަކީ ރާއްޖޭގެ ތާރީހާއި ސަގާފަތާ، ރާއްޖޭގައި ހިންގަމުންދާ މުހިންމު މަސައްކަތްތަކުގެ މައުލޫމާތު އިންޓަނެޓްގައި ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ފައްޓަވާފައިވާ މަސައްކަތެކެވެ.
”ޑިޖިޓަލް އާކައިވް ޕްރޮޖެކްޓްގެ ޕްރޮޓޯޓައިޕް“ އިފްތިތާހުކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާޙިމް ވަޙީދު އަދި ޑިރެކްޓަރ ޖެނެރަލް އޮފް ދަ ނެޝަނަލް އަރކައިވްސް އޮފް މޯލްޑިވްސް މުހައްމަދު އާމިރު އަހްމަދު އެވެ.
އޯއޭއައިއެސް ކްލައުޑް އާއި ޖިއާރެޓާ އެސޯސިއޭޓްސް އަދި ރާއްޖޭގެ ގައުމީ އަރުޝީފްގެ މި ޕާޓްނަޝިޕްގެ ސަބަބުން ނަމްސްގެ ޑިޖިޓަލް ރެކޯޑްތައް ރައްކާތެރިކުރުމުގެ ގާބިލްކަން އިތުރުވެގެން ދިއުމާއި އެކު ކުދި ޖަޒީރާ ތަރައްގީވަމުން އަންނަ ދައުލަތްތަކަށް ޑިޖިޓަލް ރައްކާތެރިކުރުމުގެ ފުޅާ އިލްމާއި ތަޖުރިބާ ލިބިގެންދާނެ އެވެ.
ޑީޕީޕީގެ ސަބަބުން ނެޝަނަލް އާކައިވްސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ލިބޭނެ ފައިދާތަކުގެ ތެރޭގައި މުވައްޒަފުންނަށް އަމަލީ ތަޖުރިބާ ލިބުމާއި މުވައްޒަފުންގެ ބެސްޓް ޕްރެކްޓިސްތައް ދަސްކޮށް، އިންޑަސްޓްރީގެ ތަޖުރިބާކާރުން ތަމްރީނުކޮށް، ގާބިލުކަން އިތުރުވުމުގެ އިތުރުން ގާނޫނީ މަސްއޫލިއްޔަތުތަކާ އެއްގޮތަށް އަމަލުކުރުމާއި ސްޓްރެޓެޖިކް ޑިވެލޮޕްމަންޓް އަދި ނެޓްވޯކިންއާއި ނޮލެޖް ޝެއާކުރުން ހިމެނެ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު އިބްރާޙިމް ވަހީދު ވިދާޅުވީ، މި ނިޒާމުގެ ސަބަބުން މައުލޫމާތު ރައްކާކުރާ ގޮތްތަކަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އާންނާނެ ކަމަށެވެ.
މިނިޒާމަކީ ހަމައެކަނި ރާއްޖޭގެ ތާރީހު ބުނެދޭނެ ވެބްސައިޓެއް ނޫން ކަމަށާއި، މިއީ ދުނިޔެއަށް ރާއްޖެ ބުނެދޭނެ މަސައްކަތަކަށް ވެގެންދާނެ ކަމަށާއި، މިއީ ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށްވެސް މުހިންމު މަސައްކަތެއް ކަމަށް މިނިސްޓަރ ފާހަގަކުރެއްވި އެވެ.
މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް ދަ ނެޝަނަލް އަރކައިވްސް އޮފް މޯލްޑިވްސް