ޓިކްޓޮކްގައި ”ބިލީވް މީ ސެންސް މޭކް“ މި ބަސް ބޭނުންކޮށްގެން ކޮންޓެންސް ގެނެސްދޭ ފަރާތެއް ކަމުގައި ”ޗިން“ ގެ ނަމުން މަޝްހޫރުވި އާސިމް ވަހީދު މާވަހަރެއް ހޮވައިފި ކަމަށް ބުނެފި އެވެ.
ޗިން ވަނީ އޭނާގެ އިންސްޓަގްރާމްގައި ހުދަންބަރު މާވަހަރު ކަމަށް ބެލެވޭ އެއްޗެއްގެ ފޮޓޯއެއް ހިއްސާކޮށްފަ އެވެ. އޭނާ ބުނީ މިއަދު ”ކޮފީތަށްޓެއް ހިފައިގެން“ ކ. މާފުށި ގޮނޑުދޮށުގައި ހިނގަމުންދަނިކޮށް މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ފެނުނު ކަމަށެވެ.
މި ނޫހުން ޗިން އަށް ގުޅަން މަސައްކަތްކުރުމުން އޭނާ ފޯނަށް ޖަވާބުދީފައި ނުވެ އެވެ.
ޗިން އަކީ މާފުށީގައި ހުންނަ ވައިޓް ބީޗް ވޯޓާ ސްޕޯޓްސްގައި މަސައްކަތް ކުރާ މީހެކެވެ. “ހެލޯ ވޯލްޑް، ބިލީވް މީ ސެންސް މޭކް” މި ބަސްތައް ބޭނުންކޮށްގެން އޭނާ ޓިކްޓޮކްގައި މަޝްހޫރުވެފައިވަނީ މާފުށި އަދި ރާއްޖެ ޕްރޮމޯޓް ކުރުމުގެ މަސައްކަތުން ނެވެ.