ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު އިންޑިއާގެ ތާޖް މަހަލް ބައްލަވާލެއްވުމަށް ވަޑައިގެންފި އެވެ.
ރައީސްގެ ދެކަނބަލުން ތާޖް މަހަލް ބައްލަވާލެއްވުމަށް ވަޑައިގެންނެވީ މިއަދު ހެނދުނު އެވެ. ރައީސް މުއިއްޒުގެ ދެކަނބަލުންގެ އިތުރުން މި ދަތުރުގައި ބައިވެރިވާ ދިވެހި ވަފުދުގެ ބޭފުޅުންވެސް ވަނީ ތާޖް މަހަލް ބައްލަވާލެއްވުމަށް ވަޑައިގެންފަ އެވެ.
ތާޖް މަހަލް ބައްލަވާލެއްވުމަށް އިންޑިއާގެ އާގްރާއަށް މިއަދު ހެނދުނު ވަޑައިގެންނެވުމުން އެއާޕޯޓުން ރައީސް މުއިއްޒަށް މަރުހަބާ ވިދާޅުވީ އުއްތަރް ޕްރަދޭޝްގެ ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޔޮގެންދްރާ އުޕަތުޔާޔާ އެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓު ކުރާ ގޮތުން ރައީސް މުއިއްޒުގެ ދެކަނބަލުން ދުނިޔޭގެ މަޝްހޫރު ލޯބީގެ ބިނާއަށް ޒިޔާރާތް ކުރުމަކީ ރާއްޖެއާއި އިންޑިއާގެ ގުޅުން ރަނގަޅުކަން ސާބިތުކޮށްދޭ ކަމެކެވެ.
ރައީސް މުއިއްޒު ތާޖް މަހަލްއަށް ވަޑައިގެންނެވި ވަގުތާ ދިމާކޮށް އެ ސަރަހައްދު ދެ ގަޑި އިރަށް ބަންދުކޮށްފައިވެ އެވެ.
އެމަނިކުފާނު އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅުގައި މިހާރު ވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދަ މޯދީ އާއި އިންޑިއާގެ ރައީސް ދުރޫޕަތީ މުރުމޫ އާއި އިންޑިއާގެ ނައިބު ރައީސް ޖަގްދީބް ދަންކަރް އާއި އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރާ ބައްދަލު ކުރައްވާފަ އެވެ. މީގެ އިތުރުން ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހިކޮށް އެއްބާރުލުން ދިނުމަށް އެއްބަސްވުންތަކެއްގައިވެސް ވަނީ ސޮއިކޮށްފަ އެވެ. އަދި އިންޑިއާގެ އެހީގައި ނިންމާފައިވާ މަޝްރޫތައް ދިވެހި ސަރުކާރާ ހަވާޅު ކުރުންވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.
ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް އެނބުރި ރާއްޖެއަށް ވަޑައިގަންނަވާނީ މިމަހުގެ 10 ވަނަ ދުވަހު އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ރާއްޖެ - އިންޑިއާ