އިންޑިޔާއަށް މިހާރު ކުރައްވަމުންދާ ފުރަމާނަ ދަތުރުފުޅަށްފަހު ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިގޮތަށް ވިދާޅުވީ ރޭ އިންޑިޔާގެ ރައީސާ ދުރޫޕަދީ މުރުމޫ ދެއްވި ފަރިއްކޮޅެއްގައި ވާހަކަދައްކަވަމުން ނެވެ.
ރައީސް މުރުމޫގެ ދައުވަތަކަށް އާދީއްތަ ދުވަހު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި މިހާތަނަށް އިންޑިއާއިން ދެއްކެވި މެހެމާންދާރީއަށް ރައީސް މުއިއްޒު ވަނީ ޝުކުރުއަދާކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އަވަށްޓެރިންނާއި ގާތް ގުޅުން ބޭއްވުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ. އެންމެ ފުރަތަމައިނުންވެސް ރައީސް އޮފީހަށް ވަޑައިގެން އިންޑިޔާއާއި ހާރިޖީ ގުޅުން ދެމެހެއްޓުމަށް އަވަސްވެވަޑަައިގަތް ކަމުގައި ރައީސް ހާމަކުރެއްވި އެވެ.
”ހަގީގަތުގައި އަޅުގަނޑު ވެރިކަމުގެ ފުރަތަމަ ދުވަހު އަޅުގަނޑު އެންމެ ފުރަތަމަ އިސްކަމެއް ދިނީ އިންޑިއާއާ ހަމައަށް އަތް ދިއްކުރުމަށް“
މީގެ އިތުރަށްވެސް، ރައީސް ވަނީ އިންޑިޔާ މީހުންނަކީ ރާއްޖޭގެ ތަރައްގީގައި ފުޅާ ދައުރެއް އަދާކުރާ ބައެއްކަން ފާހަގަކުރައްވާފަ އެވެ. އެހެންކަމުން، އެކަމަށް ޝުކުރުވެރިވާ ކަމަށާއި އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖެއިން އަބަދުވެސް ރަނގަޅު މެހެމާންދާރީއެެއް އަދާކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވި އެވެ.
”އަޅުގަނޑުމެންގެ ވިޔަފާރިއާއި ތަރައްގީގެ އެންމެ ބޮޑު ބައިވެރިންގެ ތެރޭގައި އިންޑިއާ ހިމެނޭ. އިންޑިއާއަކީ މިތަނަށް، ސިއްހީ ފަރުވާއާއި ތައުލީމާއި ފަތުރުވެރިކަމަށް ދަތުރުކުރާ ގިނަ ދިވެހިންގެ ދެވަނަ ގެއެއްވެސްމެ. އަދި ހަމަގައިމުވެސް، އިންޑިއާގެ ސިނަމާ، ބޮލީވުޑަކީ، ދިވެހިންގެ ތެރޭގައި، ހުރިހާ އުމުރެއްގެ މީހުންގެ މެދުގައި އެއްވެސް ތައާރަފެއް ބޭނުންވާ އެއްޗެއް ނޫން“
އިއްޔެ ރައީސް ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއާއިއެކީވެސް މަޝްވަރާތަކެއް ކުރައްވާފަ އެވެ. މި ދަތުރުފުޅުގެ ތެރެއިން ރާއްޖެއާއި އިންޑިޔާއިން އެކި ދާއިރާތަކުން އެއްބަސްވުންތައް އެކުލަވާލާފައިވާ ކަމަށް މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި މޯދީ ވިދާޅުވެފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިންޑިއާ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ



