ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ ނައިބު ރައީސް ޖަގްދީބް ދަންކަރްއާ ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ރައީސް މުއިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސް އޮފީހުން ބުނެފައިވަނީ މި ބައްދަލު ކުރެއްވުމަކީ އިންޑިއާގެ ނައިބު ރައީސްގެ ދައުވަތަކަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
ރައީސް މުއިއްޒާއި އިންޑިއާގެ ނައިބު ރައީސްއާ ދެ ބޭފުޅުން ބޭއްވި ބައްދަލުކުރެއްވުމުގައި ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް އެނބުރި ރާއްޖެއަށް ވަޑައިގަންނަވާނީ މިމަހުގެ 10 ވަނަ ދުވަހު އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީ، އަދި އެ ޤައުމުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި 10 މިނިސްޓަރުން ބައިވެރިވެ ވަޑައިގަންނަވަ އެވެ. މީގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރުވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
ރައީސް މުއިއްޒަށް އިންޑިއާއިން މަރުހަބާ ކިޔުއްވީ އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކިރްތީ ވަރްތަން ސިންހް އެވެ. އަދި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނޫ މަހާވަރާއި ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައިވާ ސަފީރު އިބްރާހިމް ޝިހާބުވެސް ރައީސްއަށް މަރުހަބާ ދެންނެވުމަށް ވަޑައިގެންނެވި އެވެ.
ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގެންނެވީ އިންޑިއާގެ އެއާ ފޯސްގެ ސިވިލިއަން މަތިންދާބޯޓެއްގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިންޑިއާ