ރުޕޭ ކާޑުގެ ސަބަބުން ކުދި ވިޔަފާރިތަކުން އިންޑިއާއާއެކު ވިޔަފާރިކުރުމަށް ލުއިތަކެއް ލިބޭނެ ކަމުގައި އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
އިކޮނޮމިކް މިނިސްޓްރީން މިހެން ބުނީ މިއަދު އިންޑިއާއާއި ރާއްޖެއިން ރޫޕޭގެ މުއާމަލާތްތައް ކުރިއަށްގެންދިއުމަށް ރަސްމީ އެއްބަސްވުމެއްގައި ސޮއިކުރުމާއި ގުޅިގެން ނެރުނު ނޫސް ބަޔާނެއްގަ އެވެ. މި ހިދުމަތް ރަސްމީކޮށް ފައްްޓަވައިދެއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގަ އެވެ.
މި ނޫސް ބަޔާނުގައި ވަނީ މި ހިދުމަތުން ރާއްޖޭގެ މާލީ ނިޒާމް އިތުރަށް ހަރުދަނާވެ، ވިޔަފާރީގެ މުއާމަލާތްތަކުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމަށް އަދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވާން މަގުފަހިވާނެ ކަމަށް ބުނެފަ އެވެ. އިންޑިއާގެ ފަތުރުވެރިންނަކީ ރާއްޖޭގެ ބާޒާރުގައި މުހިންމު ދައުރެއް އަދާކުރާ ބަޔެއް ކަމަށް ބުނެފައި ވެއެވެ.
އިންޑިއާގެ ފަތުރުވެރިން ރާއްޖޭގައި ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްތައް ހިންގުމަށްޓަކައި މިއަދުން ފެށިގެން މި ކާޑު ރާއްޖޭގައި ބޭނުންކުރެވޭނެ ކަން މިނިސްޓްރީން ފާހަގަކުރި އެވެ. އިންޑިއާއަކީ ރާއްޖޭގެ ވިޔަފާރީގެ މުހިންމު ބައިވެރިއަކަށްވުމުން ރޫޕޭ ކާޑްގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން އިންޑިޔާއާއިއެކު ވިޔަފާރި ކުރުމުގައި ލުއިތަކެއް ލިބޭނެ ކަމަށް ބުނެފައި ވެއެވެ.
”މިއަދު ރާއްޖެއަށް ތައާރަފްކުރެވުނު ރޫޕޭ ކާޑްގެ ހިދުމަތަކީ ޒަމާނީ ފައިސާގެ ނިޒާމްތަކާއި ޕޭމެންޓް ވޮލެޓްތައް އަދި އައު ޑިޖިޓަލް ފައިނޭންސް ސިސްޓަމްތައް ރާއްޖެއަށް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް“
މި މަގްސަދުގައި ޒަމާނީ ޑިޖިޓަލް ޕޭމެންޓް ސިސްޓަމްތަކާއި ހިދުމަތްތައް ފުޅާކުރުމުގެ މަގްސަދުގައި ދިވެހި ސަރުކާރާއި ނޭޝަނަލް ޕޭމެންޓް ކޯޕަރޭޝަން އޮފް އިންޑިޔާ (އެންޕީސީއައި) އާއެކު އެމްއޯޔޫއެއްގައި މި އަހަރު ސޮއިކޮށް މަސައްކަތްކުރެވެމުންދާ ކަމަށް މިނިސްޓްރީން މައުލޫމާތު ދީފި އެވެ.
ރާއްޖެ - އިންޑިއާ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް