2017 ވަނަ އަހަރު އައިއީޑީއެއް ބޭނުންކޮށްގެން ޖުމްހޫރީ ޕާޓީގެ ޖަގަހަ ހިންގަމުންދިޔަ ކުނޫޒް ގޮއްވާލަން އުޅުނު ކަމަށްބުނެ ކުރި ދައުވާއަށް ފަހުން ބަދަލު ގެނެސްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.
ކުނޫޒު ގޮއްވާލަން އުޅުނު މައްސަލައިގައި 4 މީހަކަށް ދައުވާ ކުރީ 2017 ވަނަ އަހަރު އެވެ. މި މައްސަލައިގައި ޝަރިއަތުގެ ކުރީގެ މަރުހަލާގައި ކްރިމިނަލް ކޯޓުން ނިންމި ނިންމުމަކާމެދު ހިތްހަމަ ނުޖެހިގެން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ ދައުވާ ލިބޭ މީހުންގެ ތެރެއިން އިއުތިސާމް މުހައްމަދު ސައީދު، ގަމަރީ، ގދ. މަޑަވެލި އެވެ.
މި މައްސަލައިގައި 2017 ވަނަ އަހަރު ދައުވާކުރުމަށްފަހު ފަހުން މައްސަލަ ބައްލަވާ ގާޒީ ބަދަލުވުމުން 2022 ވަނަ އަހަރު ވަނީ މައްސަލައިގެ އިބްތިދާއީ މަރުހަލާގައި ދައުވާ އިސްލާޙު ކުރުމުގެ ފުރުސަތު ދައުލަތަށް ދީފަ އެވެ. ދައުވާއަށް ބަދަލެއް ގެނައުމުން އައުތިސާމްގެ ފަރާތުން ވަނީ، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުން، ދައުލަތުން ދައުވާ އިސްލާހުކޮށް ގެނައި ބަދަލަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ގެނެސްފައިވާ އިސްލާހެއް ކަމަށް ބުނެފަ އެވެ. އެހެންނަމަވެސް ކްރިމިނަލް ކޯޓުން ވަނީ މި ހުށަހެޅުން ބަލައި ނުގަތުމަށް ނިންމާފައެވެ.
އިއުތިސާމްގެ ފަރާތުން ހުށަހެޅު ޝަރިއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ބަލައިނުގަނެ ކްރިމިނަލް ކޯޓުން ބުނެފައިވަނީ، ދެ ފޯމުގައިވާ ދަޢުވާ ބިނާކުރާ މައިގަނޑު ސަބަބަކީ މއ. އެނބޫގޭގައިހުރި އެޓިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ އޮފީހުގައި ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލެއް ހިންގުމަށް ރޭވުމާއ،ި އެ އޮފީސް ތެރޭގައި އައިއީޑީއެއް ތައްޔާރުކޮށްފައިވުން ކަމަށެވެ. އަދި އިސްލާހުކުރި ދައުވާ ފޯމުގައި އިސްލާހުކޮށްފައިވާ ކަންކަމަކީ އެ ދެ ވާޤިއާގެ ތަފްސީލުކަމަށާއ،ި އެ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާކުރުމަށް ރޭވި އަމަލަކީ ޖުމްހޫރީ ޕާޓީގެ އޮފީހުގައި ޖަލްސާއެއް ކުރިއަށްދާ ވަގުތު އެ އޮފީސް ގޮއްވައިލަން އުޅުން ކަމަށެވެ.
މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވަނީ، ފުރަތަމަ ހުށަހެޅި ދައުވާ ފޯމުގައި ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވަނީ ޖުމްލަ 15 ހެކި ކަމަށާއި ނަމަވެސް ފަހުން އިސްލާހުކޮށް ހުށަހެޅި ދައުވާގައި ކުށް ސާބިތުކުރުމަށް ސިއްރު ހެކި ހިމެނޭގޮތުން ޖުމްލަ 30 ހެކި ޤަރީނާ ހުށަހަޅާފައިވާ ކަމަށެވެ. އަދި ދައުވާ ކުރިތާ އެތައް އަހަރެއް ފަހުން މި ގެނައި ބަދަލަކީ، ދައުވާ ލިބޭ މީހާއަށް ދިފާއުވުމުގެ ހައްޤަށް ލިބިދެވޭނެ ގޮންޖެހުމެެއްކަން ފާހަގަ ކޮށްފައިވެ އެވެ.
އެހެންކަމުން މި މައްސަލައިގައި ދައުވާއަށް ގެނެސްފައިވާ ބަދަލަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 91 ވަނަ މާއްދާގެ (ށ) ގެ އިމުން ބޭރުން ގެނެސްފައިވާ ބަދަލެއް ކަމަށް ހުކުމުގައި ބުނެފައިވެ އެވެ. އަދި 2022 ވަނަ އަހަރު ދައުވާ ފޯމަށް ގެނައި ބަދަލަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި ހިލާފަށް ގެނެސްފައިވާ ބަދަލެއް ކަމަށް ކަނޑައަޅައި ހުކުމް ކޮށްފައިވެއެވެ.
ހައިކޯޓުގައި މި މައްސަލަ ބައްލަވާފައިވަނީ ފަނޑިޔާރު މުހައްމަދު ސަލީމް، ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ.
ހައި ކޯޓު ދިވެހި ފުލުހުންގެ ޚިދުމަތް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)