ހައިޑްރޮގްރަފީ ދާއިރާއިން ރާއްޖެ-އިންޑިއާ އެއްބާރުލުން އިތުރުކުރާނެ ކަމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވިދާޅުވެއްޖެ އެވެ.
މޯދީ މިހެން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަމުންދާ ދަތުރުފުޅުގައި، އިންޑިއާގެ ވެރިރަށް ނިއު ދެއްލީގައި ދެ ލީޑަރުން ދެއްވި ޖޮއިންޓް ސްޓޭޓްމަންޓެއް އެވެ. މި ދަތުރުފުޅަކީ އިންޑިއާގެ ރައީސާ ދްރޯޕަދީ މުރްމޫގެ ދަޢުވަތަކަށް އިއްޔެ ފެށިގެން ކުރިއަށްދާ ދަތުރުފުޅެކެވެ.
މޯދީ ވިދާޅުވި ގޮތުގައި އިންޑިއާއަކީ އެ ގައުމުގެ އަވަށްޓެރިންނަށް ކަމޭހިތާ ގައުމެކެވެ. އެގޮތުން، އިންޑިއާއިން ތަކުރާރުކޮށް ރާއްޖެއާ ގާތް ގުޅުމެއް ބާއްވައި، ރާއްޖެއަށް ފޯރުކޮށްދީފައިވާ އެހީތެރިކަމުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ. ރާއްޖެއާއި އިންޑިއާއިން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މޯދީ ވާހަކަދައްކަވާފައި ވެއެވެ. އެގޮތުން، ދެ ގައުމުން ގުޅިގެން އޯޝަނަގްރަފީ (ކަނޑާއި ކަނޑުފަޅުުގެ ދިރުންތަކުގެ ދިރާސާ) އާއި ބްލޫ އިކޮނޮމީގެ މަސައްކަތްތަކުގައި ރާއްޖެއާއި އެކީ މަސައްކަތްކުރައްވާނެ ކަމުގައި މޯދީ ވިދާޅުވެފައި ވެއެވެ. މި މަސައްކަތުގައި ދިރާސާ ފުޅާކުރަން އިންޑިޔާއިން ނިންމާފައި ވެއެވެ.
އިންޑިޔާ ކަނޑުގެ އަމަން އަމާންކަމާއި ދެގައުމުގެ މަސްލަހަތަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމުން ދެގައުމުގެ ރައްޔިތުންނަށް ފައިދާވާނެ ކަމުގައި މޯދީ ވިދާޅުވެފައި ވެއެވެ. ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބޮޑުކަން މޯދީ ފާހަގަކުރެއްވި އެވެ. އެހެންކަމުން، ކަނޑުފޭރުމާއި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރުމާއި މަސްތުވާތަކެތި އުފުލާ ބޯޓުފަހަރު ދަތުރުކުރުމާއި ޓެރަރިޒަމްގެ ހަރަކާތްތަކަށް ރާއްޖެ ހުށަހެޅިފައިވާ ކަމަށް މޯދީ ވިދާޅުވި އެވެ.
އިންޑިއާއިން ދަނީ ދިވެހި ސިފައިންނަށް ތަމްރީންތައް ދެމުން ކަމުގައިވެސް މޯދީ ވިދާޅުވި އެވެ. އެއާއެކު، ދެން އެމަނިކުފާނު ވަނީ އިންޑިއާ ކަނޑުގެ ކަންކަމުގައި ކުރިއެރުމާއި ހަމަޖެހުން ދެމެހެއްޓުމަށް ދެގައުމުން ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފަ އެވެ. ހައިޑްރަގްރަފީއާއި ކާރިސާތަކަށް އިޖާބަދިނުމުގައި ދެގައުމުން އެއްބާރުލެއްވުންެ ކުރިއަށްގެންދާނެ ކަމުގައި މޯދީ ވިދާޅުވި އެވެ.
”ހައިޑްރޮގްރަފީ އަދިި ޑިޒާސްޓާ ރެސްޕޮންސްގައި އެއްބާރުލެއްވުން ކުރިއަށްގެންދާނެ“
އެހެންކަމުން، އިންޑިއާގެ އެހީތެރިކަމާއެކު އުތުރުތިލަފަޅު (ޔޫޓީއެފް) ގައި މިހާރު ކުރިއަށްދާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ’އެކަތަ‘ ބަނދަރު މަޝްރޫއުގެ ސަބަބުން އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށާއި، ވަގުތުން ނިންމުމަށް ފުރިހަމަ އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ކަމަށް މޯދީ ވިދާޅުވި އެވެ.
އެހެންކަމުން، ހައިޑްރޯގްރަފިކް ކަންކަމުގައި ރާއްޖެއަށް އެހީތެރިވުމަށް އިންޑިއާއިން އެއްބަސްވެފައިވާއިރު، އޭގެ ތެރޭގައި ދިވެހި ސިފައިންނަށް ކެޕޭސިޓީ ބިލްޑިންގ އަދި ޓްރޭނިންގ ދިނުން ހިމެނެ އެވެ. ނަމަވެސް، އެކަންތައް ކުރާނީ ދިވެހި ސަރުކާރުގެ ޝަރުތުތަކާ އެއްގޮތަށް ކަމުގައި ވިދާޅުވެފައި ވެއެވެ.
މެރިޓައިމް ދާއިރާއިން އެއްބާރުލުން ދިނުމަށް ރޭޑަރ ސިސްޓަމްތަކާއި އެހެނިހެން ސާމާނު ފޯރުކޮށްދިނުމާއެކު އެމްއެންޑީއެފްގެ ސަރވޭލަންސް އަދި މޮނިޓަރިންގ ކެޕޭސިޓީ އިތުރުކުރުމުގައި ރާއްޖެއަށް އެހީތެރިވުމަށް އިންޑިއާއިން އެއްބަސްވެފައި ވެއެވެ.
މީގެ ކުރިން ރާއްޖެއާއި އިންޑިއާއާއި ދެމެދު ހައިޑްރޮގްރަފިކް ސާވޭގެ އެއްބަސްވުމެއް ހަދާފައި ވެއެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެ އެއްބަސްވުން އާ ނުކުރުމަށް ނިންމާފަ އެވެ. އެކަމާއި ގުޅޭގޮތުން މި އަހަރުގެ މާޗް މަހު ދެއްކެވި ވާހަކައެއްގައި ރައީސް ވަނީ އެ މަސައްކަތް ރާއްޖެއިން އަމިއްލައަށް ކުރިއަށްގެންދަން ބޭނުންވާކަން ފާހަގަކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިންޑިއާ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ