ހުޅުމާލެ ފޭސް 2 ގައި އަޅާ ހައުސިން ޔުނިޓުތަކުގެ ތެރެއިން 700 ހައުސިން ޔުނިޓެއްގެ މަސައްކަތް ނިންމާ ސަރުކާރާ ހަވާލުކޮށްފި އެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގައި ކުރިއަށް ގެންދާ މި މަޝްރޫގެ ތެރެއިން 700 ހައުސިން ޔުނިޓުގެ މަސައްކަތް ނިންމާ ދިވެހި ސަރުކާރާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ނެވެ. އެގޮތުން މި ހައުސިން ޔުނިޓްތައް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދަ މޯދީގެ އިތުރުން ދެގައުމުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.
މިއީ ހުޅުމާލެ ފޭސް 2 ގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިމާރާތް ކުރަމުންދާ ހައުސިން ޔުނިޓުތަކުގެ ތެރެއިން 700 ޔުނިޓެވެ. އިންޑިއާގެ އެގްޒިމް ބޭންކްގެ ބަޔާސް ކްރެޑިޓް ސްކީމްގެ ދަށުން ތަރައްގީ ކުރަމުންދާ 4،000 ހައުސިން ޔުނިޓުގެ ތެރެއިން 700 ޔުނިޓު ނިންމާ ސަރުކާރާ ހަވާލުކޮށްފައިވަނީ ސަރުކާރުގެ އެދުމަކަށެވެ.
މި 700 ހައުސިން ޔުނިޓަކީ ސޯޝަލް ހައުސިން ސްކީމްގެ ދަށުން ސަރުކާރުން ދޫކުރުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓުތަކެކެވެ. މިއީ އަތްފޯރާ އަގެއްގާ ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން އިމާރާތްކުރާ ހައުސިން ޔުނިޓުތަކެކެވެ.
މި މަޝްރޫގެ ތެރޭގައި ޖުމުލަ 4،000 ހައުސިން ޔުނިޓު އަޅާއިރު ބާކީ 3،300 ހައުސިން ޔުނިޓުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިންޑިއާ ބޯހިޔާވަހިކަން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ފަހި ދިރިއުޅުން ކޯޕަރޭޝަން