ފަނޑިޔާރުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމާ ނިންމުން އިސްތިއުނާފު ނުކުރެވޭ ގޮތަށް ޤާނޫނަށް ގެނެސްފައިވާ އިސްލާހު ބާތިލު ކުރުމަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.
2019 ވަނަ އަހަރު ޖޭއެސްސީގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ، ފަނޑިޔާރަކު މަޤާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖޭއެސްސީއިން ނިންމާ ނިންމުމެއް އެއްވެސް ގޮތަކުން އިސްތިއުނާފެއް ނުކުރެވޭނެ ކަމަށެވެ. އަދި ޖޭއެސްސީން ނިންމާ ނިންމުމެއް ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު އޮތްނަމަވެސް، ޖޭއެސްސީން ބަލާފައިވާ މައްސަލަ މައުޟޫއީ ގޮތުން އަލުން ބެލުމާއި އަޅާފައިވާ ފިޔަވަޅު އެނޫން ގޮތަކަށް ބަދަލުކުރުމުގެ ބާރު ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަކަށް ލިބިގެން ނުވާ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.
ޖޭއެސްސީގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ މި މާއްދާ ބާތިލު ކުރުމަށް ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވީ މެޖިސްޓްރޭޓް އަލީ ނަސީރެވެ. ނަމަވެސް ދައުލަތުން ވަނީ މިމައްސަލައަކީ ހައިކޯޓުގައި މައުޟޫއީގޮތުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމަށްބުނެ އިޖުރާއީ ނުކުތާއެއް ނަގާފައެވެ. އެގޮތުން ދައުލަތުން ބުނެފައިވަނީ ދައުލަތުގެ 3 ބާރުގެ ތެރެއިން އެއްބާރު ކަމުގައިވާ އަދުލު އިންސާފު ޤާއިމްކުރުމުގެ ބާރުތަކުގެ ތެރޭގައި ހިމެނޭ ކޯޓުތަކަށް އައްޔަންކުރެވޭ ފަނޑިޔާރުންގެ މަޤާމާ ގުޅޭގޮތުން ނިންމުމެއް ނިންމުމުގެ ފުރުސަތު ހަމަ އެބާރުގެ ތެރޭގައި ހިމެނޭ ކޯޓުތަކަށް ދިނުމަކ،ީ ބާރުތައް ވަކިވެފައިވާ އޮތް އޮތުމާ ފުށުއަރާނެ ކަމެއް ކަމަށާއި، އެފަދަ ނަތީޖާއެއް ނެރެވޭ މައްސަލައެއް ބެލުމުގެ އިހްތިސާސް ހައިކޯޓަށް ލިބިގެން ނުވާ ކަމަށެވެ.
މި އިޖުރާއީ ނުކުތާއާމެދު ހައިކޯޓުން އިއްޔެ ނިންމި ނިންމުމުގައި ބުނެފައިވަނީ ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަކ،ީ ޤާނޫނެއްގައި ކަނޑައެޅިފައިވާ އުސޫލެއްގެ ތެރެއިން އިދާރީ ފިޔަވަޅު އެޅުމުގައި ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްޤެއް ގެއްލިފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައް ކަމަށެވެ. އަދި މިބާވަތުގެ މައްސަލަތައް ޝަރުއީ ކޯޓުތަކަށް ހުށަހެޅުމަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށެވެ.
”ދައުލަތުން ބަޔާންކުރާ ފަދައިން އެއްވެސް ފަނޑިޔާރަކަށް މިމައްސަލަ ނުބެލޭނެކަމަށް މާނަކޮށްފިނަމަ، މައްސަލަ ހުށަހަޅާނެ މަހައްލެއް (ފޯރަމެއް) އެފަރާތެއް ނުލިބި މައްސަލަ ހުށަހެޅި ފަރާތަށް ޤާނޫނުއަސާސީން ކަށަވަރުކޮށްދިން އިސްވެ ބުނެވުނު ޙައްޤު ގެއްލިގެން ދިޔައީއެވެ.“ ހައިކޯޓުގެ ނިންމުމުގައި ފާހަގަ ކޮށްފައިވެއެވެ.
އެހެންކަމުން ހައިކޯޓުން ނިންމާފައިވަނީ މި ދުސްތޫރީ މައްސަލައަކ،ީ މައުޟޫއީ ގޮތުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއްކަމަށެވެ.
ހައިކޯޓުގައި މިމައްސަލަ ބައްލަވަނީ، ފަނޑިޔާރު ފާތިމަތު ފަރްހީޒާ، އިސްފަނޑިޔާރު ހުސައިން ޝަހީދު، ފަނޑިޔާރު މުހައްމަދު ފައިސަލް، ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ.