ބްލެކް މާކެޓުން އަގުބޮޑުކޮށް ގަރާޖު ސިޓީ ގަނެފައިވާ ފަރާތްތަކަށް އެކަމުގެ އެއްވެސް ފައިދާއެއް މިހާރު ނުކުރާނެ ކަމަށް މިނިސްޓަރ މުޙައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހު ޕާކިންގ ބިލްޑިންގަތައް އެޅުމަށްޓަކައި ފަހުމުނާމާގައި ސޮއިކުރަމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އަމީން ވިދާޅުވީ، ގިނަ އަދަދެއްގެ ފަރާތްތަކުން ގުޅިގެން ގާނޫނާ ހިލާފަށް ގަރާޖު ސިޓީ ވިއްކައިފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން މާލެ ސަރަހައްދުގައި ވެހިކަލް ތޮއްޖެހުމުގެ މައްސަލަ އިތުރަށް ގޯސްވެފައިވާ ކަމުގައި ވަޒީރު ވިދާޅުވި އެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީއިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން މިހާރު ކާރު ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު ގަރާޖު ފިޒިކަލީ ޗެކުކުރުން ހިމެނެ އެވެ. މިގޮތަށް ކަންކުރުމުން ގަރާޖު ސިޓީ ބޭނުންކޮށްގެން ގާނޫނާ ހިލާފަށް ކާރު ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހަނިވެގެންދާނެ އެވެ.
މި ފިޔަވަޅުތަކުގެ ސަބަބުން މާލޭގައި ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ލިބި މާލޭގެ މަގުތަކަކީ ރައްކާތެރި ތަނެއް ކަމުގައި ވެގެންދާނެ ކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައި ވެއެވެ.