ސްޓެލްކޯއިން މާލޭގައި ގާއިމްކުރާ އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަންގެ އަމަލީ މަސައްކަތް ފަށައިފި ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.
ފަހުމީ މިގޮތަށް ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އިލެކްޓްރިކް ވެހިކަލް (އީވީ) ކާރު ޗާޖުކުރާ ސްޓޭޝަން ހެދުމުގެ މަސައްކަތް އެއްވަރަކަށް ކުރިއަށްދާއިރު، އެތަނުގައި މަސައްކަތްތައް ހީވާގިކަމާއެކު ކުރިއަށްދާ ކަމުގައި ފަހުމީ ވިދާޅުވި އެވެ. މި މަޝްރޫޢަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާއި އެއްގޮތަށް ކުރިއަށްގެންދާ މަސައްކަތެއް ކަމުގައި ފަހުމީ ވިދާޅުވި އެވެ.
ދެމެހެއްޓެނިވި ދަތުރުފަތުރު ކުރިއެރުވުމަށާއި ރާއްޖޭގައި ކާބަން ދޫކުރާ މިންވަރު މަދުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގަތް ވައުދުފުޅު ފަހުމީ ތަކުރާރު ކުރެއްވި އެވެ. އީވީ ބޭނުންކުރާ ފަރާތްތަކަށް ސާފު ހަކަތަ ފަސޭހައިން ލިބޭނެ ގޮތް ފަހިކޮށްދިނުމުން، މި ޗާޖިން ސްޓޭޝަނަކީ ގައުމު އީކޯ ފްރެންޑްލީ ހައްލުތަކާ ދިމާއަށް ބަދަލުވުމުގައި މުހިންމު ދައުރެއް އަދާކުރާނެ ސްޓޭޝަނެއް ކަމުގައި ފަހުމީ ވިދާޅުވި އެވެ.
“ސްޓެލްކޯއިން ދަނީ ފެހި އަދި ދެމެހެއްޓެނިވި މުސްތަގުބަލެއް ދެކެވަޑައިގަތުމުގެ ރައީސްގެ ތަސައްވުރަށް ތާއީދުކޮށް، ޝެޑިއުލްއާއި އެއްގޮތަށް މި މަޝްރޫއު ނިންމުމަށް ގަދައަޅައި މަސައްކަތް ކުރަމުން”
ސްޓެލްކޯއިން އީވީ ކާރުތައް ޗާޖް ކުރުމަށް ހާއްސަ ސްޓޭޝަނެއް ގާއިމުކުރާ ވާހަކަ އިއުލާންކުރީ އޮގަސްޓް 25 ގަ އެވެ.
ކަރަންޓު އުޅަނދުތަކުން ދޫވާ ގޭހުގެ އަސަރު ޕެޓްރޯލް ނުވަތަ ޑީސަލް އުޅަނދުތަކަށް ވުރެ މާ ދަށެވެ. އެފިޝަންސީގެ ނަޒަރަކުން ބަލާއިރު، އިލެކްޓްރިކް ވެހިކަލްތަކުން ފުރޮޅުލީ އުޅަނދުތަކަށް ކަރަންޓް ދިނުމަށްޓަކައި ގްރިޑުން ލިބޭ ކަރަންޓް ހަކަތައިގެ %60 ވަރަކަށް ކޮންވާޓް ކޮށްދެ އެވެ. ނަމަވެސް، ޕެޓްރޯލް ނުވަތަ ޑީސަލް ކާރުތަކުން ތެލުގައި ރައްކާކުރެވޭ ހަކަތަ ފުރޮޅުލީ އުޅަނދަށް ކޮންވާޓް ކުރާނީ އެންމެ %17-21 އިން ނެވެ.