އިންޑިއާއި ރާއްޖެއަކީ ވަރަށް ގިނަ ގޮތްގޮތުން އެއްގޮތް ދެ ގައުމު ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ޕޯސްޓުކުރައްވަމުން ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިޔާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅަށް އިޝާރާތްކުރައްވަމުން ނެވެ. ނަޝީދުގެ ޕޯސްޓުގައި ވަނީ ދެ ގައުމުގެ ހީނަރުވެފައިވާ ގުޅުން އަލުން ބަދަހިވަމުންދާތީ އެކަމާއި އުފާ ފާޅުކުރައްވާފަ އެވެ.
“މިއުޒިކާއި ފިލްމުތަކާއި ކާނާއާއި ސަގާފަތާއި ތާރީހާއި ޖިއޮގްރަފީގެ ރޮނގުން ރާއްޖެއާއި އިންޑިއާ އެއްގޮތް. އަބަދުވެސް އެކުވެރިކަމުގައި ދެމިތިބެންވީ”
ނަޝީދު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު، ދެގައުމުގެ ގުޅުން ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ މުއިއްޒު މިވަގުތު ހުންނެވީ އިންޑިއާގެ ރައީސް ދްރޯޕަދީ މުރުމޫގެ ދައުވަތަކަށް ރަސްމީ ދައުލަތުގެ ދަތުރެއްގައި އިންޑިއާގެ ނިއު ދެއްލީގަ އެވެ. އާދީއްތަ ދުވަހު އިންޑިއާއަށް ފުރުއްވި ރައީސ،ް އިންޑިއާގެ މުހިއްމު ތިން ސިޓީއަކަށް ޒިޔާރަތްކުރައްވާ މި ހަފްތާގެ ބުރާސްފަތި ދުވަހު ދަތުރު ނިންމަވާލައްވާނެ އެވެ.
ރައީސް މުއިއްޒު އެމަނިކުފާނުގެ ދަތުރުފުޅުގައި އިންޑިއާ ސަރުކާރުގެ އިސް އެހެން ބޭފުޅުންނާއެކު އިންޑިއާގެ ރައީސް މުރްމޫ އާއި ބޮޑުވަޒީރު ނަރެންދްރާ މޯދީއާ ބައްދަލުކުރައްވާނެ އެވެ.
އިންޑިއާއާއި ރާއްޖޭގެ ގުޅުން ހީނަރުވީ މި ސަރުކާރު ގެންނަން މަސައްކަތްކުރި ޕީޕީއެމް އިން އިިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމުގެ ގޮތުން “އިންޑިޔާ އައުޓް” ކެމްޕެއިން ފެށުމަށްފަހު ވެރިކަން ހޯދި ފަހުން ނެވެ. އެއަށްފަހު ޔޫތް މިނިސްޓްރީގެ ކުރީގެ ތިން ޑެޕިއުޓީ މިނިސްޓަރުންނެއް އިންޑިއާގެ ބޮޑުވަޒީރަށް ބަދުބަސް ރައްދުވާގޮތަށް މީސް މީޑިއާގައި ވާހަކަދެއްކުމުން މި ގުޅުން އިތުރަށް ހީނަރުވި އެވެ. އެއާއެކު، އިންޑިއާގެ މަޝްހޫރު އެތައް ބައެއްގެ ނުރުހުންވުން ރާއްޖެއަށް އަމާޒުވި އެވެ.
މިހާރު ސަރުކާރާއި އިންޑިއާއި ދެމެދު ކުރެވޭ މަޝްވަރާތަކަށްފަހު އިންޑިއާ އާއި އޮންނަ ގުޅުން ރަނގަޅުވަމުން އަންނަ ކަމަށް ފާހަގަކޮށްލެވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސް މުހައްމަދު ނަޝީދު ރާއްޖެ - އިންޑިއާ