އިންޑިއާއަށް މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި ދިވެހިންނަށް ފައިދާވާ ގިނަ ކަންތައްތަކެއް ފެނިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް މި ވާހަކަ ދެއްކެވީ އިންޑިއާގެ ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންނާއެކު މިރޭ ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރާއްޖެއާ އިންޑިއާއަކީ އަބަދުވެސް ގާތް އެކުވެރި ދެ ޤައުމެވެ. އަދި އެކަން އެގޮތުގައި ހިފެހެއްޓެވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވި އެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ތިން ދުވަހަކީ ދެ ޤައުމުގެ ގުޅުމުގެ ތެރެއިން ދިވެހިިންނަށް ފައިދާ ހުރި ގިނަ ކަންތައްތަކެއް ފިނިގެންދާނެ ތިން ދުވަސް ކަމަށެވެ.
“އިރާދަކުރެއްވިއްޔާ މީގެ ނަތީޖާ، ފޮނިމީރުކަން އަޅުގަނޑުމެންނަށް ފެންނާނެ ކުރިއަށް އޮތް ދުވަސްތަކުގައި،” ރައީސް ވިދާޅުވި އެވެ.
އޭގެއިތުރުން ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ ފުރިހަމަ އެހީތެރިކަން ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް ލިބޭނެގޮތަކަށް، މިހާރަށްވުރެ ފުރިހަމަކުރަން މަސައްކަތްކުރައްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގެ ރައްޔިތަކު ކޮންމެ ޤައުމެއްގައި ހުއްޓަސް އެ ރައްޔިތަކަށް ދިވެހި ދައުލަތުގެ އެހީތެރިކަން ލިބޭގޮތަށް ސިޔާސަތު ބައްޓަންކުރައްވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށް އެ ކަމަށް މަސައްކަތް ކުރާ މުހިންމު ހަބަކަށް ދިއްލީ ހަދަން ބޭނުންފުޅުވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ފަތުރުވެރިކަމާއި އެހެނިހެން ވިޔަފާރި ބޭނުންތަކުގައި ގިނަ ވިޔަފާރިވެރިން ގިނައިން އައިސް އުޅޭ ތަނެއްގެ ގޮތުގައި އިންޑިއާ ހައްދަވަން ބޭނުންވެވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންނެވި އެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ރައީސުލްޖުމްހޫރިއްޔާ މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިންޑިއާ