ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރާ ބައްދަލުކުރައްވައިފި އެވެ.
ރައީސް މުއިއްޒު ޖައިޝަންކަރާ ބައްދަލު ކުރެއްވީ އެމަނިކުފާނު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ބައްދަލު ކުރެއްވުމުގައި ޖައިޝަންކަރު ވަނީ ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގެންނެވުމުން މަރުހަބާ ވިދާޅުވެފަ އެވެ. އަދި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ މަސްލަހަތާ ގުޅޭ އެކި ކަންކަމުގައި މަޝްވަރާ ކުރައްވާފަ އެވެ. މި ބައްދަލު ކުރެއްވުމުގައި ރައީސްގެ އަރިހުގައި އިންޑިއާއަށް ވަޑައިގެންނެވި ކެބިނެޓުގެ މިނިސްޓަރުންވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ރައީސް މުއިއްޒުގެ ދެކަނބަލުން އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް އެނބުރި ރާއްޖެއަށް ވަޑައިގަންނަވާނީ މިމަހުގެ 10 ވަނަ ދުވަހު އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީ، އަދި އެ ޤައުމުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި 10 މިނިސްޓަރުން ބައިވެރިވެ ވަޑައިގަންނަވަ އެވެ. މީގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރުވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
ރައީސް މުއިއްޒަށް އިންޑިއާއިން މަރުހަބާ ކިޔުއްވީ އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކިރްތީ ވަރްތަން ސިންހް އެވެ. އަދި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނޫ މަހާވަރާއި ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައިވާ ސަފީރު އިބްރާހިމް ޝިހާބުވެސް ރައީސްއަށް މަރުހަބާ ދެންނެވުމަށް ވަޑައިގެންނެވި އެވެ.
ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގެންނެވީ އިންޑިއާގެ އެއާ ފޯސްގެ ސިވިލިއަން މަތިންދާބޯޓެއްގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިންޑިއާ އިންޑިއާ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ