ނ. ކަފަކޮމަންޑޫ އިންޓަރ ގްރޭޓެޑް ޓޫރިޒަމް ޒޯނެއް ގޮތުގައި ކަނޑައަޅަން ނިންމައިފި އެވެ.
ނ.ހެނބަދޫ އިޙްތިސާސްތެރޭ ހިމެނިފައިވާ ނ.ކަފަކޮމަންޑޫ އިންޓަރ ގްރޭޓެޑް ޒޯނެއްގެ ގޮތުގައި ކަނޑައަޅާ ދިގު މުއްދަތަކަށް މިރަށް ކުއްޔަށް ދިނުމަށްޓަކައި ރަށުގެ ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް ކައުންސިލުން މިއަދު ގެޒެޓްގައި އިއުލާންކޮށްފައި ވެއެވެ.
ވީމާ މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މިއިޢުލާނާއެކު އާއްމުކޮށްފައިވާ މައުލޫމާތާއި އެއްގޮތަށް ބިޑް ރަޖިސްޓްރީކޮށް އަންދާސީ ހިސާބު ހުށަހެޅުމަށް ކައުންސިލުން އެދިފައި ވެއެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން މިމަހުގެ 6 އިން 10 އަކަށްވަނީ ހުޅުވާލާފަ އެވެ. މިކަމާއި ގުޅޭ މައުލޫމާތު ސާފުކުރުން އޮންނާނީ މިމަހުގެ 14 ވަނަ ދުވަހު އެވެ. އަދި ބީލަން ހުށަހެޅުން އޮންނާނީ މިމަހުގެ 17 ވަނަ ދުވަހު އެވެ.
ރަޖިސްޓްރީނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ކައުންސިލުން ބުނެފައި ވެއެވެ.
ހެނބަދޫ ކައުންސިލް މެންބަރު އިލްޔާސް އިބްރާހީމް ”ޖަވިޔަނި“ އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މި ރަށް ދޫކުރާ މުއްދަތެއް އަދި ރަސްމީ ސިފައެއްގައި ދެކެވިފައި ނުވާ ކަމަށެވެ. ނަމަވެސް 25 އަހަރަށްވުރެ ދިގު މުއްދަތަށް މި ރަށް އިންޓަގްރޭޓެޑް ޓޫރިޒަމަށް ދޫކުރަން ހިޔާލުކުރައްވާފައިވާ ކަމަށް ވިދާޅުވެފައި ވެއެވެ.
އޭނާ އިތުރަށް މައުލޫމާތު ދެއްވިގޮތުގައި ދެ ކުންފުންޏަކުން ވަނީ މި ރަށުގައި އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއުއެއް ހިންގުމަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.
އޭނާ ވިދާޅުވިގޮތުގައި މިވަގުތު ކައުންސިލަށް ގްރާންޓްގެ ގޮތުގައި ލިބެނީ ކުޑަ މިންވަރެކެވެ. ނަމަވެސް. ކަފަކޮމަންޑޫ އިން ލިބޭ ނަފާ، ރަށުގެ އެކި ކަންކަމަށް ހަރަދުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ. އެގޮތުން، ސިއްހީ މަރުކަޒު ތަރަައްގީ ކުރުމާއި، މަސް މާރުކެޓް، މިސްކިތް، މަގުތައް ފަދަ ގިނަ މަޝްރޫއުތަކަަށް މިވަގުތު އެކަށޭނަ ބަޖެޓެއް ނެތުމުން މި އާމްދަނީ އެފަދަ މަޝްރޫއުތަކަށް ހޭދަކުރަން ބޭނުންވާ ކަމަށް އިލްޔާސް ވިދާޅުވި އެވެ.
އިންޓަރ ގްރޭޓެޑް ޓޫރިޒަމް ޒޯނެއް ކަފަކޮމަންޑޫގައި ތަރައްގީކޮށްގެން ހިންގާއިރު، ހެނބަދޫގެ ރައްޔިތުންނަށް ދަށްވެގެން އެރަށުގެ 30 އިންސައްތަ ވަޒީފާ ދިނުމަށް ޝަރުތު ކުރައްވާނެ ކަމުގައި އިލްޔާސް ވިދާޅުވެފައި ވެއެވެ.