މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ އެންޑީއެމްއޭއިން ސަމާލުވާން އެދިއްޖެ އެވެ.
އެންޑީއެމްއޭ އިން މިހެން ބުނެފައި ވަނީ ކުރިޔަށް އޮތް 5 ދުވަހު ރާއްޖެއައް ވިއްސާލަ ކުރާނެ ކަމަށް ލަފާކޮށް އެ އިދާރާއިން ނެރުނު ބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ، ކުރިޔަށް އޮތް ފަސް ދުވަހު އުތުރާއި މެދުރާއްޖެ ސަރަހައްދަށް އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ.
އަދި ދެކުނުގެ ސަރަހައްދުތަކަށް 13 މޭލާއި 23 މޭލާ ދެމެދުގައި ވައި ޖެހޭނެ ކަމަށެވެ. ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 45 މޭލާއި 55 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
އެންޑީއެމްއޭ އިން ބުނީ، ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ގަދަ ވަޔާ އެކު ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ބެލެވޭ ކަމަށެވެ. މީގެ އިތުރުން، ދިޔަވަރުބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ގަދަވަޔާ އެކު ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެންޑީއެމްއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ކަނޑުދަތުރުކުރާ ފަރާތްތަކުން، ދަތުރަށް ފެށުމުގެ ކުރިން އެންމެފަހުގެ މޫސުމީ މައުލޫމާތު ހޯދުމަށް ވަނީ އެދިފަ އެވެ.
ލިބިދާނެ ގެއްލުމުން ރައްކާތެރިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި؛
- ވާާރޭވެހި ފެންބޮޑުވެދާނެ ކަމަށް ތައްޔާރު ވުން
- ގަދަވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރި ކުރުން
- ގެޔަށް ފެން ނުވަންނާނެ ހެން ރައްކަތެރި ފިޔަވަޅު އެޅުން
- ބެނުން ނުކުރާނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލައިފައި ބެހެެއްޓުން
- ކާޑުގެ ބާވަތްތަކާއި ޒަރޫރީ ތަކެއްޗައް ދަތިނުވާނެ ގޮތަށް ދުރާލައި ކަންކަން އިންތިޒާމު ކުރުން
މޫސުން ގޯސްވުން މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)