ކޮވިޑް19 އަށް ފަހު ފުރަތަމަ ފަހަރަށް ނޮވެލްޓީ އިން އިންތިޒާމް ކޮށްގެން ބާއްވާ އެންމެބޮޑު ބުކްފެއާރ މާދަން ފަށަނީ އެވެ.
މި ބުކްފެއާރ ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، މާދަމާ މެނދުރު 02:00 ގައި ދަރުބާރުގޭގަ އެވެ.
ނޮވެލްޓީ އިން ބުނީ، މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި މާކެޓަށް ނެރެފައިވާ ގިނަ ފޮތްތައް މި ފެއާރ ގައި ލިބެން ހުންނާނެ ކަމަށެވެ. އެގޮތުން، ޖުމްލަ 25,000 ތަފާތު ޓައިޓަލްތަކުގެ 185،000 އަށް ވުރެ ގިނަ ފޮތް މިއަހަރުގެ ބުކްފެއާރ ގައި ލިބެން ހުންނާނެ ކަމަށެވެ.
މި ފެއާރ ގައި އެ ބުކްޝޮޕްގެ އަމިއްލަ 1،000 އަށް ވުރެ ގިނަ ދިވެހި ފޮތް ލިބެން ހުންނާނެ ކަމަށާއި، އޭގެ ތެރޭގައި، ދިވެހި އަދަބީ އަދި ތާރީހީ ފޮތްތަކާއި ދީނީ މައުލޫމާތު ހިމެނޭ ފޮތްތަކާއި ކުޑަކުދިންގެ އެކްޓިވިޓީ އަދި ކުލަޖައްސާ ފޮތް ވެސް ހިމެނޭނެ ކަމަށް ނޮވެލްޓީ އިން ބުނެ އެވެ.
މި ތަނުން ސްޓޭޝަނަރީ އާއި ކްރާފްޓް އައިޓަމްސް އާއި ބޯޑްގޭމްސް އަދި ޕަޒްލްސް ވެސް އާންމުކޮށް ވިއްކާ އަގުތަކަށްވުރެ 10 ޕަސެންޓާއި 50 ޕަސެންޓާއި ދެމެދުގެ ޑިސްކައުންޓު އަގުތަކެއްގައި ލިބެން ހުންނާނެ އެވެ. މި ފެއާރ ގައި 100 ރުފިޔާގެ ވިޔަފާރިކުރާ ކޮންމެ ކަސްޓަމަރަކަށް ފެއާރ ގެ ހާއްސަ ލަކީޑްރޯގައި ބައިވެރިވުމަށް ކޫޕަނެއް ލިބޭނެ އެވެ. މި ލަކީޑްރޯއިން ހޮވޭ ނަސީބުވެރިއަކަށް ދެ ލައްކަ ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެ އެވެ.
މި ފެޔާރ ކުރިޔަށްދާނީ، މާދަމައިން ފެށިގެން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި، ކޮންމެ ދުވަހަކު މެނދުރު 2 އިން ރޭގަނޑު 12 ޖަހަންދެނެވެ. އަދި ހުކުރު ދުވަހު މި ފެއާ އޮންނާނީ މެނދުރު 2:30 އިން ރޭގަނޑު 12 އާ ހަމައަށެވެ.
ނޮވެލްޓީ ބުކްފެއާގައި ފޮތްތަކަށް ހާއްސަ ކޮށްފައިވާ ބައި ހުންނާނީ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގަ އެވެ. އަދި ސްޓޭޝަނަރީއާ އިތުރު ޕްރޮޑަކްޓުތައް ހުންނާނީ ބިއްލޫރި މާލަމުގަ އެވެ.