ފުޓްބޯލްް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދެކުނު ކޮރެއާގެ ކުންފުންޏަކަށް 3.4 މިލިއަން ޑޮލަރު ދެއްކުމަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
މި އަމުރު ކޯޓުން ނެރުނީ ސެޕްޓެމްބަރު 28 ވަނަ ދުވަހު އެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެފްއޭއެމް އާއި ދެކުނު ކޮރެއާގެ ކުންފުންޏާ ދެމެދު 2021 ވަނަ އަހަރުގެ މާރޗް 20 ވަނަ ދުވަހު އެއްބަސްވުމެއް ވެފައިވެ އެވެ. މި އެއްބަސްވުމުގެ ދަށުން، އެފްއޭއެމް އިން އެ ކުންފުންޏަށް 3،372،243 ޑޮލަރު ދައްކަންޖެ އެވެ.
މި ފައިސާއަކީ ވިލިމާލޭގައި ފުޓްބޯޅަ ދަނޑުތައް ތަރައްގީ ކުރުމަށާއި ހުޅުމާލޭގައި ހުންނަ އެފްއޭއެމް އިމާރާތުގެ ރިކޮންސްޓްރަކްޝަން މަސައްކަތަށް ހިނގި ހަރަދެވެ.
ކޯޓުން އަމުރުކޮށްފައިވާ 3 މިލިއަން ރުފިޔާގެ ތެރޭގައި މައްސަލައާ ގުޅިގެން ހިނގި އިދާރީ ޚަރަދުތައްވެސް ހިމެނެ ކަމަށެވެ. އެފްއޭއެމް އިން މި ފައިސާ މި މަހުގެ ނިޔަލަށް ދައްކާ ނިންމަންޖެހޭނެ ކަމަށް ކޯޓުން ވަނީ އަންގާފަ އެވެ.
މި މައްސަލަ ކޯޓަށް ހުށަހެޅުނު އިރު، އެފްއޭއެމްގެ މާލީ ބައެއް މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ. މި ސަބަބާ ހުރެ، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އެސޯސިއޭޝަން ފުޓްބޯލް (ފީފާ) އިން ވަނީ އޮގަސްޓް މަހު އެފްއޭއެމްގެ ހިންގުން ނޯމަލައިޒިން ކޮމިޓީއާ ހަވާލުކޮށްފަ އެވެ.
މީގެ އިތުރުން، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށްވެސް ވަނީ ކޯޓު އަމުރެއް ނެރެފަ އެވެ. މި އަމުރުގައިވާ ގޮތުން، ހުޅުމާލޭ އަމީން އެވެނިއުއިން ހޯދި ދެ ފްލެޓް މޯލްޑިވްސް ޕޮލިސް ސާވިސް (އެމްޕީއެސް) އަށް ދޫކޮށްލަންޖެހެއެވެ. މި ދެ ފްލެޓް ގަތުމަށް ބައްސާމް ބޭނުންކޮށްފައިވަނީ ކޮވިޑް-19 ގެ ދުވަސްވަރު ދިވެހި ފުޓްބޯްބޯޅަ ކްލަބުތަކަށް އެހީގެ ގޮތުގައި ފީފާއިން ފޯރުކޮށްދިން ފައިސާ ކަމަށް ވަނީ ކަށަވަރުވެފަ އެވެ. އޮކްޓޯބަރު 6 ގެ ކުރިން މި ދެ ފްލެޓް ހަވާލުކުރުމަށް ކޯޓުން ވަނީ ބައްސާމަށް އަންގާފަ އެވެ.
ފުލުހުންގެ ތަހުގީގަށް ހާމަވެފައިވާ ގޮތުގައި، މި ދެ ފްލެޓް ގަތުމަށް ބައްސާމް ވަނީ އެފްއޭއެމްގެ 200،789.80 ޑޮލަރު ބޭނުންކޮށްފަ އެވެ. މި މައްސަލައާ ގުޅިގެން، ފީފާއިން ވަނީ ބައްސާމް 9 މަސް ދުވަހަށް ސަސްޕެންޑްކޮށްފަ އެވެ.
ބައްސާމް އަދިލް ޖަލީލް ދިވެހި ފުލުހުންގެ ޚިދުމަތް ސިވިލް ކޯޓު