ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެމްބަރުންގެ އަދަދު 60،000 އިން މައްޗަށް އަރައިފި އެވެ.
މެމްބަރުންގެ އަދަދު 60،000 އިން މައްޗަށް އަރާފައިވާކަން ހާމަކުރެއްވީ ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުﷲ އެވެ. އެގޮތުން މިއަދު ހުޅުމާލޭގައި ފެށި، މެމްބަރުން އިތުރުކުރުމުގެ ހަރަކާތުގެ ތެރެއިން ”އަސްލު ޓީވީ“ އަށް މައުލޫމަތުދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާ އަބްދުއްރަހީމް ވިދަޅުވީ އެ ޕާޓީގެ މެމްބަރުންގެ އަދަދު 60،000 އިން މައްޗަށް އަރާފައިވާކަމަށް އެ ޕާޓީގެ އެންމެފަހުގެ ހިސާބުތަކުން ދައްކާ ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވެވަޑައިގަންނަވާ އަމާޒަށް ވާސިލްވެވޭނެކަމުގެ ޔަޤީންކަން އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް މުއިއްޒު ބޭނުންފުޅުވެވަޑައިގަންނަވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާއި ހަމައަށްދާއިރު ޕީއެންސީއަކީ ރާއްޖޭގައި އޮތް އެންމެ މެމްބަރުން ގިނަ ޕާޓީއަށް ހައްދަވަން. އެއީ 75،000 މެމްބަރުންގެ ޕާޓީއަކަށް ހައްދަވަން.
އަބްދުއްރަހީމް ވިދާޅުވީ އެ ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތުގައި އެންމެ ބުރަކޮށް އުޅުއްވަނީ އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމަށެވެ. އަދި އެކަމަށްޓަކައި އެ މެމްބަރުންނަށް އަބްދުއްރަހީމް ޝުކުރުވެސް އަދާކުރެއްވި އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އެ ޕާޓީއަށް ގިނަ އަދަދެއްގެ މެމްބަރުން ގުޅެމުން ދިއުމުގެ މާނައަކީ ރައީސް ޑރ. މުއިއްޒުގެ ސިޔާސަތުތަކަށް ރައްޔިތުންގެ ތާއީދު އޮތް މިންވަރު ކަމަށެވެ. އަދި އަބްދުއްރަހީމް ވަނީ މިހާ ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގައި އުފެދުނު އެއްވެސް ސިޔާސީ ޕާޓީއަކަށް މެމްބަރުން އިތުރުކުރެވިފައި ނުވާކަން ފާހަގަކުރައްވާފަ އެވެ.
75،000 މެމްބަރުންގެ އަމާޒަށް ވާސިލްވުމަށް ޕާޓީން އަންނަނީ ރާއްޖޭގެ ގިނަ ސަރަހައްދުތަކެއްގައި ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ ޕްރޮގްރާމްތައް ފަައިގެން ކުރިއަށްގެންދަމުންނެވެ. އޭގެއިތުރުން ކޮންމެ ހަފްތާ ބަންދަކުވެސް މާލޭގެ ވަކި ސަރަހައްދުތަކަކަށް ހާއްސަކޮށް މެމްބަރުން އިތުރުކުރުމުގެ ޕްރޮގްރާމްތައް އެ ޕާޓީން ކުރިއަށްގެންދާތާ މަސް ދުވަސް ވަނީ ވެފަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ މައުލޫމާތުތައް ދައްކާގޮތުން ޕީއެންސީގައި މިވަގުތު ތިބި މެމްބަރުންގެ އަދަދަކީ 28704 މެމްބަރުންނެވެ. އަދި އެ ޕާޓީއާއެކު ކޯލިޝަން ހަދާފައިވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައި މިވަގުތު 34827 މެމްބަރުން އެބަތިބި އެވެ. އަދި ދެވަނަ އަށް އެންމެ މެމްބަރުން ގިނަ ޕާޓީއަކީވެސް އެއީ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައިވާ ގޮތުން، ޕާޓީތތަކުގެ ދަފްތަރު އެންމެ ފަހުން އަޕްޑޭޓްކޮށްފައިވަނީ ޖުލައި މަހުގެ 31 ވަނަ ދުވަހު އެވެ.
ކޮންގްރެސް ޕާޓީ އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް