ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެމްބަރުން އިތުރުކުރުމުގެ ބޮޑު ހަރަކާތެއް ހުޅުމާލޭގައި ފަށައިފި އެވެ.
މިއަދު ހެނދުނު ހުޅުމަލޭގައި ފެށި މި ހަރަކާތް ފައްޓަވައިދެއްވީ ޕީއެންސީ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުﷲ އެވެ. މި ހަރަކާތުގައި ޕީއެންސީގެ ލީޑަރޝިޕްގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެވަޑައިގަންނަވަ އެވެ.
ޕީއެންސީން ބުނި ގޮތުގައި އެ ޕާޓީގެ އަމާޒަކީ އަންނަ ނޮވެމްބަރުގެ ނިޔަލަށް އެ ޕާޓީއަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ހެދުން ކަމަށެވެ. އަދި އެންމެފަހުން އެ ޕާޓީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމްތަކާއެކު އެ ޕާޓީގެ މެމްބަރުންގެ އަދަދު 50،000 އަށް އަރާފައިވާކަމަށް އެ ޕާޓީން ބުނެ އެވެ. އަދި އަމާޒަކީ ނޮވެމްބަރުގެ ނިޔަލަށް އެ ޕާޓީގެ މެމްބަރުންގެ އަދަދު 75،000 އަށް އިތުރުކުރުން ކަމަށް އެ ޕާޓީން މައުލޫމާތުދެ އެވެ.
އެ އަމާޒަށް ވާސިލްވުމަށް ޕާޓީން އަންނަނީ ރާއްޖޭގެ ގިނަ ސަރަހައްދުތަކެއްގައި ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ ޕްރޮގްރާމްތައް ފަައިގެން ކުރިއަށްގެންދަމުންނެވެ. އޭގެއިތުރުން ކޮންމެ ހަފްތާ ބަންދަކުވެސް މާލޭގެ ވަކި ސަރަހައްދުތަކަކަށް ހާއްސަކޮށް މެމްބަރުން އިތުރުކުރުމުގެ ޕްރޮގްރާމްތައް އެ ޕާޓީން ކުރިއަށްގެންދާތާ މަސް ދުވަސް ވަނީ ވެފަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ މައުލޫމާތުތައް ދައްކާގޮތުން ޕީއެންސީގައި މިވަގުތު ތިބި މެމްބަރުންގެ އަދަދަކީ 28704 މެމްބަރުންނެވެ. އަދި އެ ޕާޓީއާއެކު ކޯލިޝަން ހަދާފައިވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައި މިވަގުތު 34827 މެމްބަރުން އެބަތިބި އެވެ. އަދި ދެވަނަ އަށް އެންމެ މެމްބަރުން ގިނަ ޕާޓީއަކީވެސް އެއީ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައިވާ ގޮތުން، ޕާޓީތތަކުގެ ދަފްތަރު އެންމެ ފަހުން އަޕްޑޭޓްކޮށްފައިވަނީ ޖުލައި މަހުގެ 31 ވަނަ ދުވަހު އެވެ.
ކޮންގްރެސް ޕާޓީ އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް