ރޭ މާލޭގެ ދިލްބަހާރު މަގުގައި ހުރި ފިހާރައެއްގައި ދިވެހި ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފި އެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭ 22:01 ގައި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފައިވެ އެވެ.
ފުލުހުންގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އަނިޔާ ލިބުނު ފަރާތަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ދިނުމަށްފަހު ރޭގެ ވަގުތެއްގައި ހޮސްޕިޓަލުން ދޫކޮށްލާފައިވެ އެވެ. އަނިޔާ ލިބުނު ފަރާތަކީ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެ އެވެ.
މި ހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް ފަރާތެއް ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް، މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤުކުރަމުންނެވެ.
މާލޭގައި މިފަދަ އަނިޔާވެރި ޢަމަލުތައް އިތުރުވަމުން ދިއުމާ ގުޅިގެން، ގިނަ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.