އިންޑިއާގެ ޓްރެވެލް އެޖެންސީ، އީޒް މައި ޓްރިޕް ކުންފުނިން އަލުން ރާއްޖެއަށް ދަތުރުތައް ބުކް ކުރަން ފަށައިފި އެވެ.
އެންޑީޓީވީ އިން ރިޕޯޓްކުރި ގޮތުގައި އީޒް މައި ޓްރިޕް އިން މިއަދު ރާއްޖެއަށް އަލުން ދަތުރުތައް ބުކް ކުރަން ފެށީ ދެ ގައުމުގެ ހާރިޖީ ގުޅުންތައް ރަނގަޅުވުމާއި ގުޅިގެންނެވެ.
އީޒް މައި ޓްރިޕް އިން ބުނީ އޮގަސްޓް މަސް ތެރޭގައ ފަތުރުވެރިކަމާއި ބެހޭ ވަޒީރު ފައިސަލް އިބްރާހީމް ހިމެނޭހެން ރާއްޖޭގެ ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ވަފުދެއް އެކުންފުންޏާއި ކުރި މަޝްވަރާތަކަށްފަހު މި ނިންމުން ނިންމާފައިވާ ކަމަށެވެ.
އީޒް މައި ޓްރިޕް އިން ވަނީ ޖެނުއަރީ މަހު ރާއްޖެއަށް ދަތުރުތައް ބުކް ކުރުން ހުއްޓާލާފަ އެވެ. އެގޮތަށް އެ ކުންފުނިން އޭރު ނިންމީ އެގައުމުގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ލަކްޝްވަދީޕަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން އޭރު ޔޫތް މިނިސްޓްރީގައި މަސައްކަތް ކުރެއްވި ތިން ވަޒީރަކު މޯދީއަށް ބަދުބަސް ރައްދުވާ ޒާތަށް ވާހަކަތަކެއް ދެއްކުމުން ނެވެ.
މޯދީ އިންޑިއާގެ ލަކްޝްވަދީޕްގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރެއްވީ ރާއްޖޭގެ ފަތުރުވެރިކަމަށް ގޮންޖައްސަވަން ކަމުގައި ބައެެއް މީހުން މީސް މީޑިއާގައި ވާހަކަދެއްކުމުން އެ ތިން ޑެޕިއުޓީ މިނިސްޓަރުން ވަނީ ސޯޝަލް މީޑިއާގައި މޯދީ އަދި އިންޑިއާއަށް ބަދުބަސް ރައްދުވާ ޒާތަށް ވާހަކަދައްކަވާފަ އެވެ.
ރާއްޖެ - އިންޑިއާ އިންޑިއާ ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް