ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލެ ސިޓީގެ މޭޔަރަކަށް ހުންނެވިއިރު އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތިން ތަރައްގީ ކުރަން ފެއްޓެވި މާލެ ސިޓީގެ އާސަހަރާ މިސްކިތާއި ހިނަވާގެ ރަސްމީ ގޮތުން މިއަދު އެމަނިކުފާނު ހުޅުވައިދެއްވައިފި އެވެ.
އާސަހަރާ މިސްކިތާއި ހިނަވާގެ ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު އެ މިސްކިތުގަ އެވެ.
އާސަހަރާ މިސްކިތާއި ހިނަވާގެއަކީ މީގެ ކުރިން، ޖާގައިގެ ގޮތުން ދަތި އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އަންހެނުންނަށާއި އަދި އާސަހަރާއަށް ޒިޔާރަތްކުރާ ގިނަ ފަރާތްތަކަށްވެސް ބޭނުންކުރެވޭނެ އެކަށީގެންވާ ޖާގަ ނެތްތާ ގިނަ އަހަރުތަކެއް ވެފައިވާ ތަނެކެވެ.
އާސަހަރާ މިސްކިތަށް ޒަމާނީ ބަދަލުތަކެއް ގެނަސް އަލުން ތަރައްގީކޮށްފައި މިވަނީ ދެފަންގިފިލާއަށް ވާގޮތަށެވެ. ދެ ފަންގިފިލާވެސް އޭސީކޮށްފައިވާއިރު މީހުން މަޑުކޮށްގެން ތިބޭ ސަރަހައްދު ނުވަތަ ’ވެއިޓިން އޭރިޔާ’ވެސް ވަނީ އޭސީކޮށްފަ އެވެ. އަދި ހިނަވާގޭގައިވެސް ވަނީ، ޖާގަ ތަނަވަސް، ހިނެވުމަށް ހާއްސަ ތިން ތަނެއް ތަރައްގީކޮށްފަ އެވެ. މީގެ އިތުރުން ސިޑިން މައްޗަށް އަރަންދަތި ފަރާތްތަކުން ނަމާދުކުރަން ހާއްސަ ޖާގަ ތިރީ ފަންގިފިލާގައި ހަމަޖައްސައި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށާއި ކުދީންނަށް ވަކި ހާއްސަ ފާހާނާއާއި، ދެ ޖިންސުގެ އާންމުންނަށް ވަކި ފާހާނާވެސް މިފަހަރު ތަރައްގީކޮށްފައި ވެއެވެ. މީގެ އިތުރުން މިސްކިތާއި ހިނަވާގޭގެ ސަރަހައްދުން ބޭރުގައި މަޑުކޮށްލައިގެން ތިބޭއިރު އިށީނދެ ތިބެވޭ ގޮތަށް ގޮނޑި ޖަހައި، ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައި، ސަހަރާއަށް ވަންނަ މަގުގެ ޖާގަވެސް ތަނަވަސްކޮށް، މިސްކިތަށް އަންނަ މީހުންގެ ސައިކަލު ޕާކު ކުރާނެ ޕާކިންގ ޒޯން ހަދައި، ޖަމާއަތްތެރިން މަޑުކޮށްލައިގެން ތިބޭނެ ވަކި ކޮޓަރި ފަދަ ތަނުގެ ބޭނުންކުރާ ފަރާތްތަކަށް ފަސޭހަވާނެ ގިނަ ވަސީލަތްތަކެއް ވަނީ ގާއިމުކޮށްފަ އެވެ.
މިސްކިތާއި ހިނަވާގެ ހުޅުއްވައިދެއްވުމަށްފަހު، މިއަދު އެ މިސްކިތުގައި އޮތް ހުކުރު ނަމާދުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތެވެ. އަދި ހުކުރު ނަމާދަށްފަހު އެމަނިކުފާނު ވަނީ އާސަހަރާ މިސްކިތުގެ އިތުރުން ހިނަވާގެއާއި މީހުން މަޑުކޮށްލައިގެން ތިބެން ހާއްސަކޮށްފައި އޮތް ސަރަހައްދަށްވެސް ޒިޔާރަތްކުރައްވައި އެތަންތަން ބައްލަވާލައްވައިފަ އެވެ.
އާސަހަރާ މިސްކިތާއި ހިނަވާގެ އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތަކީ މާލެ ސިޓީގެ މޭޔަރު ކަމުގައި މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ހުންނެވިއިރު އާސަހަރާގެ ހިދުމަތް ހޯދާ ރައްޔިތުންނަށް ލުއިފަސޭހަ ހިތްހަމަޖެހޭ ތަނަވަސް މާހައުލެއް ގާއިމުކޮށްދެއްވުމަށް އެމަނިކުފާނު ކުރެެއްވި ތަސައްވުރާއި އެއްގޮތަށް ފެއްޓެވި މުހިންމު މަސައްކަތެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަހުމަދު ނަރީޝް އާދަމް އާޒިމް، މާލެ ސިޓީ ކައުންސިލްގެ މޭޔަރ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މާލެ ސިޓީ ކައުންސިލް