ބްރޯޑްކާސްޓް ކުރުމުގެ ދާއިރާގެ މައިގަނޑު އަމާޒަކަށް ވާންވާނީ ރާއްޖޭގެ ހައްގުގައި ވަކާލާތު ކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރާ ބްރޯޑްކާސްޓްކުރުމުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް މުއިއްޒުގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ ބްރޯޑްކާސްޓިންއަކީ ވަރަށް ބޮޑު އަމާނާތެއް އަދި ޒިންމާއެއް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގެ މައިގަނޑު އަމާޒެއްކަމަށްވާން ޖެހޭނީ ދިވެހިރާއްޖެ އާއި ދިވެހި ގައުމުގެ ހައްގުގައި ވަކާލާތުކުރުން ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.
ރާއްޖޭގެ ބްރޯޑްކާސްޓް ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު 4 އެވެ. މި ދުވަހާ ދިމާކޮށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދަނީ މުހިންމު ހަރަކާތްތަކެއް ހިންގުމަށް ތައްޔާރުވަމުންނެވެ. މީގެ ތެރޭގައި ސްކޫލު ދަރިވަރުންނަށް އަމާޒުކޮށްގެން ކުރެހުމުގެ މުބާރާތެއް އަދި މީޑިއާތަކަށް ހުޅުވާލައިގެން ބާއްވާ ފުޓްސަލް މުބާރާތެއް ހިމެނެ އެވެ.
މީގެ އިތުރުން، ބްރޯޑްކާސްޓިން ކޮމިޝަނުން ދޭ ”މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2024“ އަންނަ ޑިސެމްބަރުގައި ބޭއްވުމަށް އެ ކޮމިޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ.
ބްރޯޑްކާސްޓިން ދާއިރާގެ މުހިންމުކަން ފާހަގަކޮށް، ރައީސް މުއިއްޒު މި ދުވަހުގެ މުނާސަބަތުގައި ދެއްވާފައިވާ މެސެޖަކީ ދިވެހި މީޑިއާގެ ދައުރު އިތުރަށް ފުޅާކޮށް، ގައުމީ މަސްލަހަތު ކުރިއެރުވުމަށް ބާރުއަޅުއްވާ މެސެޖެއް ކަމުގައި ފާހަގަކުރެވެ އެވެ.