ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި ހުރި ކޭސްތަކާ ގުޅޭ ގޮތުން ހުށަހަޅާ ޝަކުވާއަކާ ގުޅިގެން ހިނގަމުންދާ ޝަރީއަތެއް ފަސްކޮށްދިނުމަށް އެ އޮފީހުން ކޯޓުގައި އެދޭނީ މައްސަލައިގެ ޝަރީއަތްތައް ނިންމައި، ހުކުމަކާއި ހަމައަށް ގޮސްފައިވާ މައްސަލަތަކުގައި އެކަނި ކަމަށް ބުނެފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި ހުރި ކޭސްތަކާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް އޮތްނަމަ ޝަކުވާ ހުށަހެޅުމަށް 20 ދުވަސް ވަނީ ދީފަ އެވެ.
ޕީޖީ އޮފީހުން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރޮސިކިއުޓަ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވީ އެ އޮފީހަށް ރަސްމީކޮށް ޝަކުވާ ހުށަހެޅުމަށް މިއަދުން ފެށިގެން 20 ދުވަހުގެ މުއްދަތަކަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ. އަދި ޕީޖީ އޮފީހުގެ ސިސްޓަމްގެ ތެރެއިން ޝަކުވާ ހުށަހެޅޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާނެކަމަށް އައްބާސް ވިދާޅުވި އެވެ. އެގޮތުން ވެބްސައިޓް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށާއި ޕީޖީ އޮފީހަށް ގޮސްގެންވެސް ޝަކުވާ ހުށަހެޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޖީ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ ދައުވާއަކާ ގުޅިގެން ހުށަހަޅާ ޝަކުވާއަކާ ގުޅިގެން ޝަރީއަތް މަޑުޖައްސާލަން އަންގާނީ ހަމައެކަނި ހުކުމަކާ ހަމައަށް ގޮސްފައިވާ މައްސަލަތަކުގައި ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ޝަކުވާ ހުށަހަޅަން ހުޅުވާލި ފުުރުސަތުގެ ދަށުން ޝަކުވާ ހުށަހަޅާފަރާތް ތަކުން ހުށަހަޅާ ހުށަހެޅުންތައް މުރާޖައާކޮށް، ވީހާވެސް އަވަހަކަށް އެކަންތަކަށް ގޮތެއް ނިންމުމަށް ޕީޖީ އޮފީހުގެ މަސައްކަތަށް ގެންނަންޖެހޭ ބަދަލުތައް މިހާރު ވަނީ ގެނެސްފަ އެވެ. އަދި ހައްޔަރުކޮށްފައި އަދި ބަންދުކޮށްފައި ތިބި މީހުންގެ ބަންދު މުރާޖައާކުރުމަށް ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން ބަންދުގެ ހާލަތަކަށް ބަދަލު ގެނެވިދާނެ ކަމަށް އެ އޮފީހަށް ފެންނަ މައްސަލަތަކުގައި ބަންދު މުރާޖައާ ކުރުމަށް ކޯޓުގެ ސަމާލުކަމަށް އެފަދަ މައްސަލަތައް ގެންނާނެ ކަމަށް ވަނީ ބުނެފަ އެެވެ.
ޕީޖީގެ ފަރާތުން މިގޮތަށް ހާމަކޮށް ބަޔާނެއް ނެރުނުއިރު، ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްއިން ހިންގި ޕޯންޒީ ސްކީމުގެ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އަދި އޭނާގެ ދެ ކޮއްކޮގެ މައްޗަށް އުފުލާފައިވާ ދައުވާތައް ރިވިއު ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހެޅުމަށް ނިންމާފައިވާކަން އަލްހާން ފަހުމީގެ ފަރާތުން މިއަދު ވަނީ ހާމަކޮށްފަ އެވެ.
މި މައްސަލައިގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔައިރު ދިފާއީ ވަކީލް ވަނީ އަޑުއެހުންތައް މިވަގުތަށް މަޑުޖައްސާލުމަށް އެދިފަ އެވެ. އެއީ ދައުވާތައް ރިވިއުކުރުމަށް ޕީޖީ އޮފީހަށް ހުށަހެޅުމަށް ބޭނުންވާތީކަން ހާމަކޮށްފައިވެ އެވެ. މީގެއިތުރުން ތިން މީހުންގެ ވަކީލަކަށް އައްޔަނު ކުރި އާޒިމާ ޝުކޫރުގެ ފޯމު ބަލައިގަނެފައިނުވާކަންވެސް ވަކީލް ފާހަގަކޮށްފައިވެ އެވެ. އަދި އެވަކީލާއި ނުލާ އަޑުއެހުން ކުރިއަށް ގެންދަން ދައުވާ ރައްދުވާ މީހުން ބޭނުން ނުވާކަމަށްވެސް ބުނެފައިވެ އެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)