ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، އެފްއޭއެމްގެ ފައިސާއިން ގަތް ދެ އެޕާޓްމެންޓް ފުލުހުންނާ ހަވާލުކުރުމަށް އަންގައިފި އެވެ.
ފުލުހުން ބުނާ ގޮތުގައި، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އެފްއޭއެމްއިން ނެގި ލޯނެއްގެ ފައިސާ ބޭނުންކޮށްގެން، ބައްސާމް ހުޅުމާލެއިން ގަނެފައިވަނީ އަމީން ކޮންސްޓްރަކްޝަންގެ ދެ ފްލެޓެވެ. އެއީ އަމީން އެވެނިއުގެ A1205 އާއި A1206 ކަމަށް ފުލުހުން ހާމަކޮށްފައިވެ އެވެ.
މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުން، މި ދެ އެޕާޓްމަންޓް އަންނަ އާދީއްތަ ދުވަހުގެ ކުރިން ފުލުހުންނާ ހަވާލުކުރުމަށް ބައްސާމްއަށް އަންގާފައިވެ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި ހަވާލުނުކޮށްފިނަމަ، އެ ތަންތަން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާނެ ކަމަށްވެސް އަންގާފައިވާ ކަމަށް ބުނެ އެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ދެ އެޕާޓްމަންޓް ގަތުމަށް އެފްއޭއެމްއިން ޖުމްލަ 3,084,000 ރުފިޔާ ޚަރަދުކޮށްފައިވެ އެވެ. މި ފައިސާއަކީ އެފްއޭއެމްއިން ޑޮލަރު މާރުކުރުމަށް އެކި ކުންފުނިތަކަށް ފޮނުވި ޔޫއެސް ޑޮލަރަށް ލިބުނު ރުފިޔާ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައިގައި ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ ބައްސާމްއާއި އެފްއޭއެމްގެ ކުރީގެ ފައިނޭންސް ޑިޕާޓްމަންޓްގެ ހެޑް މުޙައްމަދު އަގީލްގެ މައްޗަށެވެ. މީގެ އިތުރުން، އަމީން ކޮންސްޓްރަކްޝަންގެ މައްޗަށްވެސް ދަޢުވާ ކުރުމަށް ފުލުހުން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ.
މި މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާއިރު، އިތުރު މަޢުލޫމާތު ލިބުިބުމުން އާންމުކުރާނެ ކަމަށް ފުލުހުން ބުނެއެވެ.