ހދ. ހިރިމަރަދޫގައި މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތްތައް ނިންމައި ކޮމިޝަން ކޮށްފި އެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 70 މިލިއަން ދިވެހި ރުފިޔާ އެވެ.
އެމް.ޑަބްލިޔު.އެސް.ސީ އިން މައުލޫމާތު ދިންގޮތުގައި، ހިރިމަރަދޫގެ ފެނާއި ނަރުދަމާ ނިޒާމް ކޮމިޝަން ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައީ ކޮންސްޓްރަކްޝަން މިނިސްޓްރީ، ފެނަކަ ކޯޕަރޭޝަން އަދި އެމް.ޑަބްލިޔު.އެސް.ސީގެ ބޭފުޅުން އެރަށަށް ވަޑައިގެން ނެވެ.
މި މަޝްރޫއުގެ ދަށުން، ފެނުގެ ނިޒާމް ގާއިމް ކުރުމަށްޓަކައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ ގާއިމްކޮށް، ފެން ހޮޅީގެ މައިނެޓްވޯރކް އަޅައި އަދި ގޭގެޔަށް ފެނުގެ ކަނެކްޝަން ގުޅައިދީފައިވެ އެވެ. އަދި ފެން އުފެއްދުމަށްޓަކައި ފެން ޕްލާންޓް ބަހައްޓައި، ބޯހޯލް ތޮރުފައި، ރިޖެކްޓް ލައިން އަޅައި އަދި ފެން ރައްކާކުރުމަށްޓަކައި ފެންތާނގީ ބަހައްޓާފައިވެ އެވެ.
ނަރުދަމާ ނިޒާމުގެ ދަށުން، ނަރުދަމާގެ މައިނެޓްވޯކްއާއި ޕަމްޕިންގ ލައިން އަޅައި، ޕަމްޕިންގ ސްޓޭޝަން ގާއިމްކޮށް އަދި ސީ އައުޓްފޯލް އަޅާފައިވެ އެވެ. މީގެ އިތުރުން، ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ގުޅައިދެވިފައިވެ އެވެ.
އެމް.ޑަބްލިޔު.އެސް.ސީ އިން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫއުގެ ދަށުން ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނާއި އަދި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް ފޯރުކޮށްދެވިގެން ދާނެ އެވެ.
މި މަޝްރޫއަކީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫއެކެވެ.