ޕާކިން މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދައިދިނުމުން ރައީސްގެ އިހްލާސްތެރިކަން ހާމަވޭ: ނަރީޝް

Advertisement

Advertisement

އެންމެ ފަސް

Advertisement

ޕާކިން މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދައިދިނުމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިހްލާސްތެރިކަން ހާމަވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.

މިއަދު އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީ އިން ހުޅުމާލޭގައި 15 ޕާކިން ބިލްޑިން އެޅުމަށް އެއްބަސްވުމުގައި ސޮއިކުރުމާ ގުޅިގެން، ނަރީޝް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ނަރީޝް ވިދާޅުވީ މި މަސައްކަތަކީ މާލޭގައި އިތުރަށް ހަރުދަނާ އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތުގެ ހެއްކެއް ކަމަށެވެ. އަދި މިކަމުގެ ފަސޭހަކަމާއި ފައިދާ، މާލޭގެ ދިރިއުޅޭ ރައްޔިތުންގެ އިތުރުން، މާލެއަށް ޒިޔާރަތްކުރާ އެންމެހައި ރައްޔިތުންނަށްވެސް ލިބިގެންދާނެ ކަން ނަރީޝް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ގެދޮރުވެރިކަމުގެ މުހިންމު މައްސަލަތައް ހައްލުކުރުމުގައި ޕްރޮއެކްޓިވް އުސޫލާއެކު، ރައީސް ގެންދަވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް މަސައްކަތް ކުރަމުން ކަމަށް ނަރީޝް ވިދާޅުވިއެވެ.

ނަރީޝް އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒަކީ ކުރިއަށް އޮތް ލީޑަރުން ތަބާވާންޖެހޭ ހެޔޮ ނަމޫނާއެއް ކަމަށެވެ.

”މުހިންމު އިންފްރާސްޓްރަކްޗަރގެ މައްސަލަތައް ހައްލުކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ކުރިއަށް ވިސްނާ އުކުޅުތަކަކީ، ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރާ ކުރިމަގުގެ ލީޑަރުންނަށް ރަނގަޅު މިސާލެއް.“ ނަރީޝް ވިދާޅުވި އެވެ.

މި ޕްރޮޖެކްޓުގެ ދަށުން ޖުމްލަ 3،920 ކާރު ސްލޮޓު އަދި 3،426 ސައިކަލު ޕާކްކުރާނެ ޖާގަ ދޫކުރާނެ އެވެ. އޭގެ ތެރެއިން 90 ޕަސެންޓް ދޫކުރަން ނިންމާފައިވަނީ ބީލަމުގެ އުސޫލުން ނެވެ. ބާކީ 10 ޕަސެންޓް ދޫކުރަނީ، ޕާކިން ބިލްޑިންތަކުގެ ގްރައުންޑް އަދި އެންމެ މަތީ ފްލޯގައި ހަދާ ކެފޭ/ ރެސްޓޯރެންޓު އަދި ކުޅިވަރު ހޯލުތަކަށް ދާ މީހުންނަށެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ، ޕާކިން ސްލޮޓު ގަންނަ މީހުންނަށް މުޅި އުމުރަށް އެ ތަން ލިބޭނެ ކަމަށާއި، ސްލޮޓްތައް ވިއްކުމަށް ހަމަޖެހިފައިވަނީ އެޕާޓްމެންޓް ވިއްކާ އުސޫލުން ކަމަށެވެ. އަދި ބޭންކް ސިސްޓަމްގެ ތެރެއިން ފައިސާ ދައްކާ އުސޫލު ވެސް ގަބޫލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެޗްޑީސީން ވަނީ، ޕާކިން ބިލްޑިންތައް އަޅައިދޭނެ ބަޔަކު ހޯދަން މިދިޔަ މަހު އިއުލާންކޮށްފަ އެވެ. އެކަމަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި މި އަހަރު ނިމުމުގެ ކުރިން، ފުރަތަމަ ފިޔަވަހީގައި ހިމެނޭ 7-8 ޕާކިން ބިލްޑިންގެ މަސައްކަތް ފަށާނެ ކަމަށް ފަޒުލް ވިދާޅުވިއެވެ.

އެޗްޑީސީގެ އަމާޒަކީ އެއް އަހަރު ދުވަހުގެ ތެރޭގައި ޕާކިން ބިލްޑިންތަކުގެ މަސައްކަތް ނިންމުން ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ 15 ޕާކިން ބިލްޑިންގ އިން މާލޭގެ ޕާކިން މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ. މި މަޝްރޫޢުގެ ސަބަބުން މާލޭގެ މަގުތަކުގައި ޕާކުކުރެވޭ އުޅަނދުތަކުގެ އަދަދު މަދުވެ، ދަތުރުފަތުރުގެ ނިޒާމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަހުމަދު ނަރީޝް މާލެ ސިޓީ ކައުންސިލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ