ތަޢުލީމީ ދާއިރާއިން ރަނގަޅު ނަތީޖާ ހާސިލު ކުރުމަށް މަސައްކަތް ކުރުމާއެކުވެސް، އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކަށްވެސް ވިސްނުން ބެހެއްޓުމަކީ މުހިއްމު ކަމެއް ކަމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.
ވަޒީރު މިހެން ވިދާޅުވެފައިވަނީ ތުރުކީ ސްކޮލަރޝިޕް ހާސިލުކޮށްފައިވާ ދަރިވަރުން ބޭރަށް ފުރުމުގެ ކުރިން އެ ދަރިވަރުންނަށް އަލްވަދާއު ކިޔުމުގެ ގޮތުން މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާއި ބެހޭ ވުޒާރާއިން ބޭއްވި ހަފްލާގަ އެވެ.
ވަޒީރު ވިދާޅުވީ، ދަރިވަރުންގެ އަސާސީ ހަރަދުތައް ބެލެހެއްޓުމަށްދޭ ސްޓައިޕެންޑްގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް، ތަފްސީލީ ބަޖެޓެއް އެކުލަވާލައި، ކެއުން ބުއިމާއި، ދަތުރު ފަތުރު ކުރުން ފަދަ އަސާސީ ކަންތައްތަށްކުރުމުގައި، ހަރަދު ކުޑަކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި، ލިބޭ އެއްޗަކާއި ނުބައްދަލު ހަރަދުތަކުން ދުރުހެލިވާން ޖެހޭކަމަށެވެ.
”ތައުލީމީ ދާއިރާއިން ރަނގަޅު ނަތީޖާ ހާސިލުކުރުމަށް މަސައްކަތް ކުރުމާއެކުވެސް، އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކަށްވެސް ވިސްނުން ބެހެއްޓުމަކީ މުޙިއްމު ކަމެއް. ޕާޓްޓައިމް ވަޒީފާތަކުގައި ހަރަކާތްތެރިވުމާއި، ޓިއުޝަން ނަގައިދިނުމާއި، ފްރީލޭންސް މަސައްކަތްތައް ކުރުމާއި، އަދި ކިޔެވުމުގެ ވަގުތުތަކާ ފުށުނާރާ ގޮތަށް ހުންނަ އެހެނިހެން އަމިއްލަ މަސައްކަތްތަކުގެ ސަބަބުން މާލީ އެހީތެރިކަން ލިބުމުގެ އިތުރުން، މުސްތަގުބަލުގައި ކެރިއަރ ކުރިއެރުވުމަށް ބޭނުންތެރި ތަޖުރިބާތަކެއްވެސް ލިބިގެންދާނެ ކަމެއް“
ވަޒީރު އިތުރަށް ވިދާޅުވީ ލިބޭ ހުސް ވަގުތުތަކުގައި އެގައުމުގެ އާދަކާދަތައް ބަލާލާ ދަސްކޮށް ތަޖްރިބާ ހޯދުމަކީވެސް މުހިންމު ކަމެއް ކަމަށާ، އެހެންނަމަވެސް އެގޮތަށް އުޅުމުގައި އަބަދުވެސް ދަރިވަރުންނަކީ ގައުމު ތަމްސީލް ކުރާ ބައެއްކަން ހަނދާނުން ނައްތާލައިގެން ނުވާނެ ކަމަށެވެ. އަބަދުވެސް ދީނުގެ ހަމަތަކާއި އުސޫލުތަކުގައި ހިފަހައްޓާ ދިވެހިންގެ ހުލްގު ހެޔޮކަމާއިއެކު ނަމޫނާ ބަޔަކަށް ވާންޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.
މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް