ރިޒޯޓް ވެރިންނަށް ލިބެމުން އައި މަންފާ ގައުމަށް ވައްދަން ކެރިވަޑައިގަތީ އެންމެ ލީޑަރަކަށް ކަމުގައި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.
ޝަކީލް މިފަދައިން ވިދާޅުވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަންގާރަ ދުވަހުގެ ރޭ ކުރި އިއުލާނަކަށް އިޝާރާތް ކުރައްވައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ޝަކީލްގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ ބޭރުގެ ފައިސާގެ ގަވާއިދަށް ގެނައި އިސްލާހާއެކު ފަތުރުވެރިކަމުގެ ދާއިރާއަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ އިން އަހަރަކު 750 މިލިއަން ޑޮލަރު ރިޒޯޓްތަކުން ޑޮލަރު މާރުކޮށްގެން ބޭންކްތަކަށް ލިބޭނެ ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ވަންނަ ބޭރު ފައިސާއިން ރިސޯޓްތަކުގެ ވެރިންނަށް އެކަނި ލިބެމުން އައި މަންފާގެ ބައެއް ދިވެހި ގައުމުގެ އިގްތިސާދަށާއި ދިވެހި ރައްޔިތުންނަށް ލިބޭނޭ ގޮތް ހައްދަވަން ކެރިވަޑައިގަތް ހަމައެކަނި ލީޑަރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށް ޝަކީލް ފާހަގަކުރެއްވި އެވެ.
އެމްއެމްއޭ އިން ގެޒެޓުކުރި އައު ގަވާއިދުގެ ދަށުން، ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ އަދި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ގޮތުގައި މީރާގައި ރަޖިސްޓްރީ ކުރާ ކޮންމެ ވިޔަފާރިއެއް ވެސް 30 ދުވަހުގެ ތެރޭގައި އެމްއެމްއޭގައި ރަޖިސްޓްރީ ކުރަން ހުށަހަޅަންޖެހޭނެ އެވެ. އަދި މި ފަރާތްތަކުން ކޮންމެ މަހެއްގެ ތެރޭގައި ވިއްކާ ނުވަތަ ފޯރުކޮށްދޭ ހިދުމަތާއި މުދަލުގެ ތަފްސީލު ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން އެމްއެމްއޭއާ ހިއްސާކުރަންޖެހޭނެ އެވެ.
އެމްއެމްއޭ އިން ބުނެފައިވަނީ މި އައު ގަވާއިދުތަކުގެ ސަބަބުން ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަ ބޭރު ފައިސާގެ ނިސްބަތް އިތުރުވެ، ވިޔަފާރިތަކަށާއި އާންމުންގެ ބޭނުންތަކަށް ފޯރުކޮށްދެވޭ ބޭރު ފައިސާގެ ނިސްބަތް އިތުރުވާނެ ކަމަށެވެ. އަދި މީގެ ސަބަބުން ރައްޔިތުންނަށް ފައިދާތަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް އެމްއެމްއޭ އިން ބުނެފައިވެ އެވެ.
ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއެއް 500 ޑޮލަރު އެމްއެމްއޭއަށް މާރުކުރާ ގޮތަށް ބޭރު ފައިސާއާއި ބެހޭ ގަވާއިދަށް އަންގާރަ ދުވަހުގެ ރޭ އިސްލާހެއް ގެނެސްފައި ވެއެވެ. ބޭރު ފައިސާއާބެހޭ ގަވާއިދުގެ އޭ ކެޓަގަރީގެ ތެރޭގައި ހިމަނާފައިވަނީ، ރިސޯޓުތަކާއި، ބޮޑެތި ހޮޓާތަކާއި ޓޫރިސްޓު އުޅަނދުތަކެވެ. އެ ތަންތަނުން ކޮންމެ ފަތުރުވެރިޔަކަށް 500 ޑޮލަރުގެ ރޭޓުން ބޭންކަށް ރުފިޔާ މާރުކުރަން މަޖުބޫރުކޮށްފައި ވެއެވެ.
ބީ ކެޓަގަރީގައި ހިމަނާފައިވަނީ، ގެސްޓް ހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކެވެ. މިތަންތަނުން ހިދުމަތް ހޯދާ ކޮންމެ ފަތުރުވެރިއަކަށް މާރުކުރަންޖެހޭ ރޭޓަކީ 25 ޑޮލަރެވެ.
ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމްއެމްއޭ