އަލްހާންގެ “ޕޮންޒީ ސްކީމު”: ދައުވާތައް ރިވިއުކުރަން އެދެނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްއިން ހިންގި ޕޯންޒީ ސްކީމުގެ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އަދި އޭނާގެ ދެ ކޮއްކޮގެ މައްޗަށް އުފުލާފައިވާ ދައުވާތައް ރިވިއު ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހެޅުމަށް ނިންމާފައިވާކަން އަލްހާން ފަހުމީގެ ފަރާތުން ހާމަކޮށްފި އެވެ.

މަކަރާ ހީލަތުން ގިނަ ދިވެހި ރައްޔިތުންތަކެއްގެ އަތުން ފައިސާ ހޯދާ އެ ފައިސާ ލޯންޑާކޮށްފައިވާ މައްސަލައިގައި 3 ނޮވެންބަރު 2023 ގައި ދައުވާ ކޮށްފައިވަނީ އެ ކުންފުނިޣެ ހިއްސާދާރުން ކަމަށްވާ އަލްހާން ފަހުމީ އަދި އޭނާގެ ކޮއްކޮ ޝަހުބާން ފަހުމީ އަދި ޝަޒްބާން ފަހުމީގެ މައްޗަށެވެ.

ޕީޖީ އައްބާސް ޝަރީފް މިފަހުން ވަނީ ޕީޖީ އޮފީހުން ކުރިން ނިންމާފައިވާ ނިންމުންތަކާމެދު ހުރި ޝަކުވާތައް ހުށަހެޅުމަށް 20 ދުވަހުގެ މުއްދަތެއް ހުޅުވާލާފަ އެވެ.

މި މައްސަލައިގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔައިރު ދިފާއީ ވަކީލް ވަނީ އަޑުއެހުންތައް މިވަގުތަށް މަޑުޖައްސާލުމަށް އެދިފަ އެވެ. އެއީ ދައުވާތައް ރިވިއުކުރުމަށް ޕީޖީ އޮފީހަށް ހުށަހެޅުމަށް ބޭނުންވާތީކަން ހާމަކޮށްފައިވެ އެވެ. މީގެއިތުރުން ތިން މީހުންގެ ވަކީލަކަށް އައްޔަނު ކުރި އާޒިމާ ޝުކޫރުގެ ފޯމު ބަލައިގަނެފައިނުވާކަންވެސް ވަކީލް ފާހަގަކޮށްފައިވެ އެވެ. އަދި އެވަކީލާއި ނުލާ އަޑުއެހުން ކުރިއަށް ގެންދަން ދައުވާ ރައްދުވާ މީހުން ބޭނުން ނުވާކަމަށްވެސް ބުނެފައިވެ އެވެ.

މިކަމުގައި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ދައުވާ ރިވިއު ކުރުމަށް ހުށަހެޅުމަކީ އަޑުއެހުންތައް މަޑުޖައްސާލަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި ވަކީލެއްގެ ގޮތުގައި އާޒިމާގެ ފޯމު ބަލައިނުގަތީ އާޒިމާގެ ސޮއި ނެތުމުންކަންވެސް ގާޒީ ފާހަގަ ކުރެއްވި އެވެ. އެހެންނަމަވެސް ދައުވާ ލިބޭ ފަރާތްތަކުގެ ވާހަކައަށް އިތުރަށް ބެއްލެވުމަށްފަހު ގާޒީ ނިންމެވީ އަންނަ އާދީއްތަ ދުވަހު މެންދުރުފަހު އަޑުއެހުމެއް ބޭއްވުމަށެވެ. އަދި އެ ދުވަހުގެ އަޑުއެހުމުގެ ކުރިއަށް ވަކީލުންގެ ކަންކަން ހަމަޖެއްސުމަށް އެދިވަޑައިގަތެވެ.

މިމައްސަލައިގައި ކޮށްފައިވާ ދައުވާ:

  1. އަލްހާން ފަހުމީ: ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޓެކުމުގެ ކުށުގެ 13 ދައުވާ،
  2. ޞަޙުބާން ފަހުމީ: ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޓެކުމުގެ ކުށުގެ 13 ދައުވާ،
  3. ޝަޒްބާން ފަހުމީ: ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޓެކުމުގެ ކުށުގެ 13 ދައުވާ،

މި މައްސަލައާ ގުޅިގެން ޖުމުލަ 39 ދައުވާ ކޮށްފައިވެ އެވެެ.

ދައުވާ ކުރި ސަބަބު:

މި ދަޢުވާތައް ކޮށްފައިވާ ސަބަބުގެ ގޮތުން ޕީޖީން މީގެކުރިން ބުނެފައިވަނީ އަލްހާނު ފަހުމީއާއި، ޞަޙުބާން ފަހުމީއާއި، ޝަޒްބާން ފަހުމީގެ އާއިލީ ކުންފުންޏެއްކަމަށްވާ ކިންގްސް ކެޕިޓަލް ހޯލްޑިވްސްއިން 2021 އަދި 2022 ވަނަ އަހަރު ތެރޭގައި އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ކިންގްސް ފޮރެކްސް ޓްރޭޑިންގގެ އިންވެސްޓްމަންޓްގެ އެކި ޕެކޭޖްތަކުން މާލީ މަންފާއެއް ހޯދައިދޭނެކަމަށް ދައްކައިގެން، އާންމު އެކި މީހުން އަތުން އެކި އަދަދުތަކުން ފައިސާ ނެގުމަށްފަހު، އެ ފައިސާއިން ކޮށްދޭން އެއްބަސްވި ކަންތައް ކޮށްނުދީ ފައިސާ ޓަކައިގެންފައިވާތީ އެވެ.

ކިންގްސް ކެޕިޓަލް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑްއިން އާންމުކޮށްފައިވާ ސްކީމަށް އެކި މީހުން 98 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ އިންވެސްޓްކޮށްފައިވާ ކަމަށް ޕީޖީން މައުލޫމާތުދެ އެވެ. މި މައްސަލައިގައި ދައުވާކޮށްފައިމިވަނީ އޭގެ ތެރެއިން 13 މީހުންގެ ބައިގަ އެވެ. އިތުރު މައްސަލަތައް ފުލުހުން ތަހުގީގު ކުރާކަން އޭރު ހާމަކޮށްފައިވެ އެވެ. 

ކްރިމިނަލް ކޯޓު އަލްހާން ފަހުމީ ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ