ކޭޕާކް މައްސަލަ: ބަދަލުދޭން ކުރި ހުކުމެއް ބާތިލު ކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ކޭޕާކުން ފްލެޓް ގަތް މީހަކަށް ބަދަލުދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމެއް ހަމަ އެކޯޓުން ބާތިލުކޮށްފި އެވެ.

މި މައްސަލައިގައި ރަފީއުއްދީން ނަސީމް، ނަސީމީމަންޒިލް / ސ. ހިތަދޫ އަށް ބަދަލުގެ ގޮތުގައި 2،911،000 ރުފިޔާ އަދި 20،000 އެމެރިކާ ޑޮލަރު ދިނުމަށް ކޭޕާކް މައްސަލައިގައި ހިމެނޭ ހަންބޯ ކުންފުންޏާ ދެކޮޅަށް، އެކުންފުނީގެ ޣައިރު ހާޒިރުގައި ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ 2023 ނޮވެމްބަރު 21 ވަނަ ދުވަހު އެވެ.

ހަންބޯ ކުންފުންޏާ ދެކޮޅަށް ޣައިރު ހާޒިރުގައި މިމައްސަލަ ސިވިލް ކޯޓުން ނިންމާފައި އޮތުމުން އެކުންފުނިން ވަނީ، ޣައިރު ހާޒިރުގައި ކުރި ހުކުމް ބާތިލުކުރުމަށް އެދި މައްސަލައެއް ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ.

ޣައިރު ހާޒިރުކޮށްފައި ކޮށްފައިވާ ހުކުމް ބާތިލު ކުރުމަށް އެދި ހަންބޯ ކޮމްޕެނީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ހަންބޯ ކުންފުނީގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔުންތަކެއް ބޭނުންކޮށްގެން މަކަރާއި ހީލަތުން އެޕާޓްމެންޓް ވިއްކާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާކަމަށާއި އެޕާޓްމެންޓް ގެނފައިވާ ފަރާތެއްވާނަމަ އެ މައުލުމާތު ހިއްސާކުރުމަށް ފުލުހުން އެދިފައިވާ ކަމަށެވެ. އަދި މިކަމުގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ޕާސްޕޯޓް ހިފަހައްޓައި އެފަރާތްތަކުގެ ތަންތަން ބަލައިފާސްކޮށް ފުލުހުން ބައެއް ލިޔެކިޔުންތަކާއި އެނޫންވެސް ތަކެތި ތަހުގީގެ ބޭނުމަށް ނަގާފައިވާ ކަމަށް ބުނެފައިވެ އެވެ.

މި މައްސަލައިގައި ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށް ހަންބޯ ކުންފުނީގެ ފަރާތުންވެސް ފްލެޓް ގަނެފައިވާ ފަރާތްތަކުގެ ކިބައިން އެދިފައިވާ ކަމަށާއި އަދި ކޭޕާކް ރެސިޑެންސްއާ ގުޅޭގޮތުން ޝަކުވާއެއް އޮތްނަމަ އެކަން ހުށަހެޅުމަށް 2023 މެއި 25 އިން ފެށިގެން 30 ދުވަހުގެ މުއްދަތެއް ދިނުމަށް ކުންފުނީގެ ބޯޑުން އިއުލާނުކުރިކަންވެސް ފާހަގަ ކޮށްފައިވެ އެވެ.

ހަންބޯއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އިތުރަށް ބުނެފައިވަނީ، މިކަމަކީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ސޮއި ފޯޖުކޮށްގެން ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ ހަސަން މަމްދޫހު ހިންގާފައިވާ އަމަލުތަކެއް ކަމަށެވެ. އަދި މިކަމުގައި އޭނާގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާ ކޮށްފައިވާ ކަމަށެވެ. މީގެއިތުރުން ބުނެފައިވަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މި ދައުވާގައި ހަސަން މަމްދޫހު ޒިންމާވާންޖެހޭގޮތަށް ދައުވާ ހުށަހަޅާފައިނުވާ ކަމަށާއި އަދި މި މުއާމަލާތާއި ގުޅިގެން ފުލުހުންނަށް އެކަން ރިޕޯޓް ކޮށްފައިވާކަންވެސް އެނގެން ނެތް ކަމަށެވެ.

ހަންބޯ ކުންފުނިން ވަނީ މި މައްސަލައިގައި ދައުވާކޮށްފައިވާ ވަކީލަށް ދައުވާކުރުމުގެ ހައިސިއްޔަތު ލިބިގެންނުވާ ކަމަށްވެސް ބުނެފަ އެވެ. މިކަމުގައި ކޯޓުން ބުނެފައިވަނީ ހަންބޯ ކޮމްޕެނީއާއި ރަފީއުއްދީން ނަސީމާއި ދެމެދު 2021 އޮގަސްޓް 12 ވަނަ ދުވަހު ވެވުނު އެއްބަސްވުން ނޯޓަރައިޒް ކޮށްފައިވަނީ އަބްދުﷲ ރަޝީދުކަން އެނގޭ ކަމަށެވެ. އަދި މިމައްސަލައިގައި ސިވިލް ކޯޓަށް ރަފިއުއްދީންގެ ފަރާތުން ހުށަހަޅާފައިވާ ދައުވާ ފޯމުގައި ސޮއިކޮށްފައިވަނީވެސް ވަކީލެއްގެ ގޮތުން އަބްދުﷲ ރަޝީދު ކަމަށެވެ.

ސިވިލް ކޯޓުން ބުނެފައިވަނީ، ޕަބްލިކް ނޯޓަރީގެ ގަވައިދުގައި އެ ހިދުމަތް ލިބިގަންނަ ފަރާތުގެ ޤާނޫނީ ވަކީލަކު ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި އާންމުކޮށް ފޯރުކޮށްދޭ އެއްވެސް ހިދުމަތެއް ފޯރުކޮށް ދިނުމަކީ މަނާކަމެއް ކަމަށެވެ. އަދި ޤާނޫނީ ވަކީލަކީ މައްސަލައެއްގައި ހެއްކަކަށް ވެދާނެކަމަށް އޭނާއަށް ޤަބޫލުކުރެވޭފަދަ ހާލަތެއް އޮތްނަމަ އެފަދަ މައްސަލައެއްގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ނުވާނެ ކަމަށް ޤާނޫނީ ފަންނުގެ ޤާނޫނުގައި ބުނެފައިވާކަން ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން ރަފީއުއްދީންގެ ވަކީލް ސޮއިކޮށް ހުށަހަޅާފައިއޮތް ދައުވާ ފޯމުވެސް ބާތިލުވާނެ ކަމަށް ކަނޑައަޅާފައިވެ އެވެ. އެހެންކަމުން ސިވިލް ކޯޓުން އިއްޔެ ވަނީ މިމައްސަލައިގައި ކުރިން 2،911،000 ރުފިޔާ އަދި 20،000 އެމެރިކާ ޑޮލަރު ބަދަލުގެ ގޮތުގައި ދިނުމަށް ހަންބޯގެ މައްޗަށް ކުރި ހުކުމާއި އެ ދައުވާ ފޯމު ބާތިލުކޮށް ހުކުމް ކޮށްފަ އެވެ.

ހުޅުމާލެ ދިވެހި ފުލުހުންގެ ޚިދުމަތް ސިވިލް ކޯޓު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ