ހުޅުމާލޭގައި 15 ޕާކިން ބިލްޑިން އެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އުމަރު ޒާހިރު އޮފީސް ބިލްޑިންގައި ބޭއްވުނު ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، އާ ސަރުކާރުން ވެރިކަމާ ހަވާލުވިއިރު މަގުތައް އޮތީ ބޮއްސުންލައިގެން ގޮސްފައި ކަމަށާއި، މިހާރު ވަރަށް ބޮޑެތި ހައްލުތަކެއް އައިސްފައިވާ ކަމަށެވެ. އަދި މި ޕާކިން ބިލްޑިންތަކާ އެކު އިތުރު ބޮޑު ހައްލެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު އަމީން އިތުރަށް ވިދާޅުވީ، ގަރާޖު ހުރި ކަމަށް ބުނެ ރަޖިސްޓްރީކޮށްދީފައި ހުރި ގިނަ އަދަދެއްގެ ވެހިކަލް ޕާކުކޮށްފައި ހުރީ މަގުމަތީގައި ކަމަށާއި، ގެދޮރާއި އިމާރާތުގެ ދަތިކަމާ ހުރެ ގަރާޖެއް ނުލިބޭ މީހުންނަށް ވެސް، ގާނޫނުގެ ތެރެއިން ޕާކިން ބިލްޑިންގައި ވެހިކަލް ރަޖިސްޓްރީކުރެވޭނެ ކަމަށެވެ.
މި ޕްރޮޖެކްޓުގެ ދަށުން ޖުމްލަ 3،920 ކާރު ސްލޮޓު އަދި 3،426 ސައިކަލު ޕާކްކުރާނެ ޖާގަ ދޫކުރާނެ އެވެ. އޭގެ ތެރެއިން 90 ޕަސެންޓް ދޫކުރަން ނިންމާފައިވަނީ ބީލަމުގެ އުސޫލުން ނެވެ. ބާކީ 10 ޕަސެންޓް ދޫކުރަނީ، ޕާކިން ބިލްޑިންތަކުގެ ގްރައުންޑް އަދި އެންމެ މަތީ ފްލޯގައި ހަދާ ކެފޭ/ ރެސްޓޯރެންޓު އަދި ކުޅިވަރު ހޯލުތަކަށް ދާ މީހުންނަށެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ، ޕާކިން ސްލޮޓު ގަންނަ މީހުންނަށް މުޅި އުމުރަށް އެ ތަން ލިބޭނެ ކަމަށާއި، ސްލޮޓްތައް ވިއްކުމަށް ހަމަޖެހިފައިވަނީ އެޕާޓްމެންޓް ވިއްކާ އުސޫލުން ކަމަށެވެ. އަދި ބޭންކް ސިސްޓަމްގެ ތެރެއިން ފައިސާ ދައްކާ އުސޫލު ވެސް ގަބޫލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެޗްޑީސީން ވަނީ، ޕާކިން ބިލްޑިންތައް އަޅައިދޭނެ ބަޔަކު ހޯދަން މިދިޔަ މަހު އިއުލާންކޮށްފަ އެވެ. އެކަމަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި މި އަހަރު ނިމުމުގެ ކުރިން، ފުރަތަމަ ފިޔަވަހީގައި ހިމެނޭ 7-8 ޕާކިން ބިލްޑިންގެ މަސައްކަތް ފަށާނެ ކަމަށް ފަޒުލް ވިދާޅުވިއެވެ.
އެޗްޑީސީގެ އަމާޒަކީ އެއް އަހަރު ދުވަހުގެ ތެރޭގައި ޕާކިން ބިލްޑިންތަކުގެ މަސައްކަތް ނިންމުން ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
މި މަޝްރޫޢުގެ ސަބަބުން ހުޅުމާލޭގެ ޕާކިންގ ދަތިކަމަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ބެލެވެ އެވެ. އަދި މިއީ ހުޅުމާލޭގެ މަގުތަކުގައި ޕާކުކޮށްފައި ހުންނަ ވެހިކަލްތަކުގެ އަދަދު މަދުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް ފާހަގަކުރެވެ އެވެ.
މި މަޝްރޫޢުގެ ސަބަބުން ހުޅުމާލޭގެ ވިޔަފާރިތަކަށާއި އިޤްތިޞާދަށްވެސް ފައިދާތަކެއް ކުރާނެ ކަމަށް ބެލެވެއެވެ. ޕާކިން ބިލްޑިންތަކުގައި ހިމެނޭ ކެފޭ، ރެސްޓޯރަންޓް އަދި ކުޅިވަރު ހޯލުތަކުގެ ސަބަބުން އާ ވަޒީފާގެ ފުރުސަތުތަކެއް އުފެދި، ވިޔަފާރިތަކަށް އާ މަގުތަކެކެއް ހުޅުވިގެންދާނެ އެވެ.
ޖުމްލަ ގޮތެއްގައި މި މަޝްރޫޢަކީ ހުޅުމާލޭގެ ތަރައްޤީއަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށާއި، މީގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެ، ހުޅުމާލެ އިތުރަށް ތަރައްޤީވެގެންދާނެ ކަމަށް ބެލެވެ އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން