ރާއްޖެ އަށް ޒިޔާރަތްކުރާ ބަންގްލަދޭޝްގެ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވެއްޖެ އެވެ.
ޝިއުރީީ މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.
އިންޓަވިއުގައި ވާހަކަ ދައްކަވަމުން ޝިއުރީ ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ މާހައުލަށް ބޮޑެތި ބަދަލުތަކެއް އަންނަ ކަމަށެވެ. ފަތުރުވެރިން އަންނަ މިންވަރު އިތުރުކުރުމަށް އެމްއެމްޕީއާރުސީން މިހާރު އާ މާކެޓްތަކުގައި ރާއްޖެ ޕްރޮމޯޓް ކުރަމުންދާ ކަމަށް ވިދާޅުވި އެެވެ. އޭގެ ސަބަބުން މެދުވެރިވި އެއް ބަދަލަކީ ބަންގްލަދޭޝްއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުން ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ޝިއުރީ ފާހަގަކުރެއްވި ގޮތުގައި އާންމުކޮށް ކޮންމެ އަހަރަކު ބަންގްލަދޭޝްގެ 2،000 އާއި 3،000 އާއި ދެމެދުގެ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އަންނައިރު، މިދިޔަ އަހަރު 22،000 ފަތުރުވެރިން ރާއްޖެއަށް ބަންގްލަދޭޝްއިން އައިސްފައިވާ ކަމަށެވެ. މިއަހަރުގެ ފުރަތަމަ 8 މަސް ދުވަހުގެ ތެރޭގައި ބަންގްލަދޭޝްގެ 20،840 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށާއި މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެގައުުމުން ރާއްޖެއަށް އައި 16،161 ފަތުރުވެރިންގެ މިންވަރާ އަޅާބަލާއިރު 29 އިންސައްތައިގެ ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ބަންގްލަދޭޝް މިހާރު އޮތީ ރާއްޖޭގެ 16 ވަނައަށް އެންމެ ބޮޑު ޓޫރިސްޓް މާކެޓުގެ ގޮތުގަ އެވެ.
މީގެ އިތުރުން ޝިއުރީ ފާހަގަކުރެއްވި ގޮތުގައި ފަތުރުވެރިކަމުގެ އެހެން މާކެޓްތަކަށް ރާއްޖޭގައި ފާހަގަކޮށްލެވޭ ކުރިއެރުމެއް ލިބެމުންދާ ކަަމަށް ފާހަގަކުރެވެ އެވެ. ޝިއުރީ ވިދާޅުވީ ރާއްޖޭގައި މުޅިން އަލަށް ޕޮލޭންޑް ފަތުރުވެރިންގެ މާކެޓް ގަދަ ދިހައެއްގެ ތެރެއަށް ވަދެފައިވާ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ މި ކުރިއެރުމުގެ ޓްރެންޑް ދެމެހެއްޓުމަށް އެމްއެމްޕީއާރުސީން މާކެޓިން މަސައްކަތްތައް ފުޅާކުރަމުން ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖެ - ބަންގްލަދޭޝް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ފަތުރުވެރިކަން