ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީންތަކެއް އަތުލައިގަނެފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން އެކްސްގައި ކުރި ޓްވީޓެއްގައި ވަނީ މި ބިދޭސީން އަތުލައިގަތީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މިދިޔަ އޮގަސްޓު މަހާއި ސެޕްޓެންބަރު މަހުގައި ހިންގި ހާއްސަ އިންސްޕެކްޝަނަކުން ކަމަށް ބުނެފަ އެވެ.
މިކަމުގައި ޝާމިލްވާ ބިދޭސީ 05 އަންހެނުންނާއި އޭޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ ފިރިހެނަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ. މި މައްސަލަތައް ތަހުގީގު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މީގެތެރެއިން 03 މީހަކު ޑީޕޯޓްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައި ވެއެވެ.
ބާކީ 03 މީހުން ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް އިމިގްރޭޝަނުން ބުނެފައި ވެއެވެ.
އިމިގްރޭޝަނުން ދަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހާއްސަ އޮޕަރޭޝަނެއް ފަށާފަ އެވެ. އަދި މިފަދަ ބިދޭސީންގެ މައްސަލަތައް އެ މުއައްސަސާއަށް ރިޕޯޓްކުރުމަށް ”އިމިގްރޭޝަން ވޮޗް“ ގެ ނަމުގައި ހާއްސަ ޕްލެޓްފޯމެއް ތައާރަފްކޮށްފަ އެވެ. އިމިގްރޭޝަނުން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މި ޕްލެޓްފޯމް މެދުވެރިކޮށް މަޢުލޫމާތު ހުށަހަޅާ ފަރާތްތަކުގެ އަމިއްލަ އައިޑެންޓިޓީ ހާމަނުކޮށް، “އެނޮނިމަސް” ކޮށްވެސް 24 ގަޑިއިރު ރިޕޯޓު ކުރުމުގެ ފުރުސަތު ލިބިގެންދެ އެވެ. އަދި މަޢުލޫމާތާއެކު ފޮޓޯވެސް ހުށަހެޅުމުގެ އިހްތިޔާރު ލިބިގެންވެ އެވެ.