ރިއަލް އެސްޓޭޓް ނޫނަސް އިސްލާމިކް ޓޫރިޒަމްްވެސް ރާއްޖޭގައި ކުރިއަށްގެންދެވޭނެ ކަމުގައި ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް ވިދާޅުވެއްޖެ އެެވެ.
ޝަކީލް މިގޮތަށް ވިދާޅުވީ މިރޭ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމަކަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.
މި އިންޓަވިއުގައި ވާހަކަދައްކަވަމުން ޝަކީލް ވިދާޅުވީ އޭނާ ހައްޖު ކޯޕަރޭޝަންގެ އެމްޑީ ކަމާއި ހަވާލުވެވަޑައިގެންނެވިއިރު އެތަނުން އެއްވެސް ވަރަކަށް އާމްދަނީ އިތުރު ކުރަން މަސައްކަތްކުރިތަން ފެނިފައިނުވާ ކަމަށެވެ. އަދި މުޅިންހެން ކޯޕަރޭޝަން ހިންގަން ސަރުކާރަށް ބަރޯސާވާންޖެހޭ ކަން އޭނާ ފާހަގަކުރެއްވި އެވެ. އެހެންކަމުން، ރިއަލް އެސްޓޭޓް ނޫނަސް، އިންވެސްޓްކުރެވޭނެ އެހެން ދާއިރާތައް ރާއްޖެއަށް ހޯދިދާނެ ކަމުގައި ޝަކީލް ވިދާޅުވި އެވެ. އޭގެ މިސާލެއްގެ ގޮތުގައި އޭނާ ވަނީ އިސްލާމިކް ޓޫރިޒަމް ނަންގަވާފަ އެވެ. . އިސްލާމިކް ޓޫރިޒަމަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގައި ހިމެނޭ ގިނަ ގައުމުތަކުން މުސްލިމް ފަތުރުވެރިންނަށް ހާއްސަކޮށް ކުރިއަށްގެންދާ ފަތުރުވެރިކަމުގެ ބާވަތެކެވެ. މި ބާވަތުގެ ފަތުރުވެރިކަމުގައި ރަލުގެ ބާވަތްތައް ނުވިއްކުމާއި ހަލާލް ކާނާ އެކުލެވޭ ތަންތަނުން ފަތުރުވެރިންނަށް ހިދުމަތް ދެ އެވެ.
“ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އެހެނިހެން ދާއިރާތަކުންވެސް އިންވެސްޓް ކުރުމާއި ގުޅޭގޮތުން އަޅުގަނޑުމެން މި ދަނީ މަޝްވަރާ އަދި މަސައްކަތްތަކެއް ކުރަމުން. “
މިފަދަ ދާއިރާތައް ރާއްޖޭގައި ކުރިއަށްގެންދިއުމަށް ފީޒިބިލިޓީ ސްޓަޑީތައް ހަދަމުންދާނެ ކަމުގައި ޝަކީލް ވިދާޅުވި އެވެ. ހައްޖު ކޯޕަރޭޝަނަށް މިފަދަ ގޮތްތަކުން އާމްދަނީ އިތުރުކުރުމަށް އެކޯޕަރޭޝަންގެ ބިޒްނަސް ޑިވެލޮޕްމެންޓް ޑިޕާޓްމެންޓުން ދިގު މުއްދަތެއް ވަންދެން އާމްދަނީ ހޯދޭނެ ގޮތްތައް ދިރާސާ ކުރާނެ ކަމުގައި އޭނާ މައުލޫމާތު ދެއްވި އެވެ. ޝަކީލް ވިދާޅުވި ގޮތުގައި ބައެއް އާންމުން ވަނީ ރިއަލް އެސްޓޭޓް ވިޔަފާރި ފެށުމުން އެކަމަށް ތައުރީފުކޮށްފަ އެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރެއަށްވެސް ވަނުމަށް ކޮމެންޓްކޮށްފައިވާ ކަމަށް ހާމަކުރެއްވި އެވެ.
“އިސްލާމިކް ޓޫރިޒަމްއަކީވެސް ރާއްޖޭގައި ތައާރަފްކޮށްގެން ހިންގިދާނެ ދާއިރާއެކޭ. ބޭރު ފައިސާވެސް ލިބޭނެ ނޫންތޯ އޭ. މި ހުރިހާ ދުވަސް ވަންދެން މިއިން އެއްވެސް ކަމެއް ނުކޮށް އަދި ކިރިޔާއޭ ހައްޖު ކޯޕަރޭޝަނުން އާމްދަނީ ހޯދުމަށްޓަކައި މަސައްކަތް ކުރަނީ”
މިހާރު ހައްޖު ކޯޕަރޭޝަނަކީ އާމްދަނީ ހޯދައިގެން އޭގެއިން ދިވެހި ރައްޔިތުންނަށް މަންފާ ހޯދާދެވޭނެ އަމާނާތްތެރި ތަނެއްގެ ގޮތުގައި ފެނިގެންދާނެ ކަަމަށް ޝަކީލް ވިދާޅުވި އެވެ. މިހާރު ހައްޖު ކޯޕަޜޭޝަނުން ވަނީ ހުޅުމާލޭގައި ލަގްޒަރީ އެޕާޓްމެންޓްތައް ހެދުމުގެ މަޝްރޫއުއެއް ފަހި ދިރިއުޅުން ކޯޕަރޭޝަނާއި ހަވާލުކޮށްފަ އެވެ. ޝަކީލް ވިދާޅުވީ އެ ތަންތަން ހަދާ ނިމޭއިރަށް އެތަންތަނުގެ އަގު އުފުލިގެންދާނެ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ހައްޖު ކޯޕަރޭޝަނަށް ލިބޭ ފައިދާ އިތުރުވެގެންދާނެ ކަމުގައި އޭނާ އޮޅުންފިލުވާދެއްވާފައި ވެއެވެ. ޝަކީލް ވިދާޅުވީ މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ހައްޖު ކޯޕަރޭޝަނުން އިއުލާންކޮށްފައިވާ ރިއަލް އެސްޓޭޓްގެ ވިޔަފާރި ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. މިއީ ރިސްކް ކުޑަ އެހެން ނަަމަވެސް ބޮޑު އާމްދަނީއެއް ލިބުމަށް މަގުފަހިވާނެ ދާއިރާއެއް ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ސަބަބުން ހައްޖު ކޯޕަރޭޝަނުން ނަގާފައިވާ ބޮޑު ދަރަނީގެ ބޮޑު އަދަދެއް ހަލާސް ކުރެވޭނެ ކަމުގައި ޝަކީލް ވިދާޅުވި އެވެ.
ޝަކީލް މައުލޫމާތު ދެއްވި ގޮތުގައި ހައްޖު ކޯޕަރޭޝަނަށް 30 މިލިއަނާއި 40 މިލިއަން ރުފިޔާގެ ގެއްލުން ކޮންމެ އަހަރަކުވެސް ލިބެމުން ދެ އެވެ. އަދި އޭނާ އެތަނާއި ހަވާލުވެވަޑައިގަތް އިރު އެތަނުގެ ދަރަނި ވަރަށް ބޮޑުކަން ފާހަގަކުރެއްވި އެވެ.
ޝަކީލް ވަނީ ހައްޖު ކޯޕަރޭޝަނަކީ ސަރުކާރަށް ބަރޯސާ ނުވެ ހިންގާ ކޯޕަރޭޝަނަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަންވާކަން ހާމަކުރައްވާފަ އެވެ. އަދި މިއީ އެ މަސައްކަތުގެ ފެށުންކަމަށް ޝަކީލް ވިދާޅުވި އެވެ. ހައްޖަށް ދިއުމަށް ރައްޔިތުން ކުރާ ހޭދަ ކުޑަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ. އަދި ހައްޖު ފަންޑުން އެކިއެކި އިންވެސްޓްމަންޓްތައް ކޮށް ކުންފުންޏަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހޯދައި، މާލީ ގޮތުން ވަރުގަދަ ކުންފުންޏަކަށް ހައްޖު ކޯޕަރޭޝަން ހަދައި ހައްޖަށް ދިއުމަށް ދިވެހި ރައްޔިތުން ކުރާ ހޭދަ ކުޑަކުރުމަށް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްތަކާއެކު ހައްޖު ދަތުރުތަކުގެ އަގުހެޔޮ ކުރުމުގެ މަސައްކަތް ހައްޖު ކޯޕަރޭޝަނުން ފަށާފައި ވެއެވެ.
“ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑު ކިބައިން އެދިވަޑައިގަތީ ހައްޖު ކޯޕަރޭޝަންގައި ރަނގަޅު ފަންޑެއް އެބައޮތޭ. އެހެންވީމާ، މީގެއިން އިންވެސްޓް ކުރާށޭ”
ހައްޖު ކޯޕަރޭޝަން ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް