އިންޑިއާގައި އުފައްދާފައިވާ 16 ބޭހެއްގެ ކޮލިޓީ ދަށްވުމާ ގުޅިގެން އެ ގައުމުގެ ސެންޓްރަލް ޑްރަގްސް ސްޓޭންޑަޑް ކޮންޓްރޯލް އޯގަނައިޒޭޝަން (ސީޑީއެސްކޯ) އިން ނެރެފައިވާ އެލާޓާ މެދު ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެފްޑީއޭއިން މިކަން ހާމަ ކޮށްފައިވަނީ، މިއަދު އެ އިދާރާއިން ނެރުނު ބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ، ސީޑީއެސްކޯގެ އެލާޓާ ގުޅިގެން ރާއްޖެއަށް އެ ބޭސްތަކުގެ އެއްވެސް ބެޗެއް އެތެރެވެފައި ވޭތޯ ބެލި ކަމަށެވެ. އަދި، މިހާތަނަށް ބެލި ބެލުމުން ބޭސް އިމްޕޯޓު ކުރަން ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން އެއިން އެއްވެސް ބޭހެއް ރާއްޖެ އެތެރެވެފައި ނުވާކަން ކަށަވަރު ކުރެވުނު ކަމަށެވެ.
އެ ބޭސްތައް ރާއްޖެއަށް އެތެރެވެފައި ނުވި ނަމަވެސް، އިންޑިއާ އަކީ ދިވެހީން ބޭސްފަރުވާއަށް އާންމުކޮށް ގޮސްއުޅޭ ގައުމަކަށް ވާތީ ސަމާލުވުމަށް އެދޭ ކަމަށްވެސް އެފްޑީއޭއިން ބުނެ އެވެ.
އެފްޑީއޭއިން ނެރުނު ބަޔާނާ އެކު އެލާޓު ނެރެފައިވާ ބޭސްތަކުގެ ލިސްޓުގެ ތެރޭގައި:
- ޕުލްމޮސިލް
- ޕެންޓޮސިޑް
- އާސޮކޮލް 300
- ތެލްމާ އެޗް
- ޑެފްލަޒަކޯޓް ޓެބްލެޓްސް
- ޕެޒިވާ-40
- ޕެންޓޯމްޑް-40
- ސެފިކްސައިމް އޯރަލް ސަސްޕެންޝަން އައިޕީ
- މޮކްސީމެޑް ސީވީ
- ފްރުސެމީޑް އިންޖެކްޝަން އައިޕީ 20 އެމްޖީ
- ކުދަޖަރިޝްތަމް
- ޓެބް ނޮޑޮސިސް
- ހަރިދްރަޚަންދަމް
- ޕެންޓަޕްރޮޒޯލް އިންޖެކްޝަން. ބީޕީ 40 އެމްޖީ
- ޔޯގާރާޖާ ގުއްގުލު
- ޕެންސެފް-އޯއެފް