އާސަހަރާ މިސްކިތް ތަރައްގީ ހުޅުވަނީ އެތަށް ބައެއްގެ އެހީތެރިކަމާއެކުކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
މާލެ ސިޓީ ކައުންސިލަގެ 4 ވަނަ ދައުރުގެ 165 ވަނަ ރަސްމީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ހުކުރު ދުވަހު އާސަހަރާ މިސްކިތް ހުޅުވަން ނިންމާފައިވާ އިރު މިއީ އެތަށް ބައެއްގެ އެހީތެރިކަމުގައި ކުރެވުނު މަސައްކަތެއް ކަމަށެވެ.
މޭޔަރު ވިދާޅުވީ މިސްކިތް ތަރައްގީ ކުރުމުގެ ޕްލޭންގައި އޭސީ ހަރުކުރުމަށް ހިމަނާފައި ނުވާ ކަމަށެވެ. ނަމަވެސް އެލިއާ އިންވެސްޓްމެންޓްގެ އެހީގައި އެ މިސްކިތް އޭސީ ކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އޭސީ ކުރުމަށް އެލިއާއިން 390،000 ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދިންކަމަށް މޭޔަރު ވިދާޅުވި އެވެ.
މިސްކިތުގެ ޕްލޭންގައި ދޮރު ސެޓުތައް ހިމަނާފައި ނުވާކަމަށާއި ދޮރު ސެޓުތައް ޖެހުމަށް އެހީތެރިކަން ފޯރުކޮށްދިނީ އެޕޯލޯ އިންވެސްޓްމެންޓުންކަން މޭޔަރު ފާހަގަ ކުރެއްވި އެވެ. އެގޮތުން ދޮރު ސެޓު ޖެހުމަށް 200،000 ރުފިޔާގެ ތަކެތި އެޕޯލޯއިން ފޯރުކޮށްދިންކަމަށް އާޒިމް ވިދާޅުވި އެވެ.
މީގެ އިތުރުން އާސަހަރާ މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައިވާ ހައިމަން ކޮންސްޓްރަކްޝަންގެ ފަރާތުންވެސް އެހީތެރިކަން ލިބުނުކަން މޭޔަރު ވަނީ ފާހަގަ ކުރައްވާފަ އެވެ. އެގޮތުން ކޮންޓްރެކްޓުގައި ނެތް އެތަށް ކަމެއް ކައުންސިލުން އެދިގެން އެ ކުންފުނިން ކޮށްދީފައިވާކަމަށް މޭޔަރު ވަނީ ވިދާޅުވެފަ އެވެ.
އާސަހަރާ މިސްކިތް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށެވެ. އެ މިސްކިތް ހުޅުވާދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުކަމަށް މޭޔަރު އާޒިމް ވިދާޅުވި އެވެ. އަދި އެ މިސްކިތް ހުޅުވިގެން ދިއުމުން މާލޭގައި ނިޔާވާ މީހުން ވަޅުލުމުގެ ކަންކަން އާސަހަރާ މިސްކިތުން ކުރެވޭނެކަމަށްވެސް މޭޔަރު ވިދާޅުވި އެވެ.
އާދަމް އާޒިމް، މާލެ ސިޓީ ކައުންސިލްގެ މޭޔަރ މާލެ ސިޓީ ކައުންސިލް