މީހުން ބިނާކުރުމުގެ ދާއިރާއިން އެއްބާރުލުން ދޭން ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އާއި ސައިރިކްސް ކޮލެޖުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އިއްޔެ މި އެއްބަސްވުމުގައި ބީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ސާމިހް އާދަމެވެ. އަދި ސައިރިކްސް ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ އެކޮލެޖުގެ ޗެއަރމަން އަޙްމަދު ޝަރީފެވެ.
މި އެއްބަސްވުމުގެ ދަށުން އެކި ދާއިރާތަކުން މަތީ ތައުލީމު ހާސިލްކުރާ ސައިރިކްސް ކޮލެޖުގެ ދަރިވަރުންނަށް ބީސީސީން އިންޓަރންޝިޕްގެ ފުރުސަތު ހުޅުވާލާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައި ވެއެވެ. މީގެ އިތުރުން، ސައިރިކްސް ކޮލެޖުންވެސް ބީސީސީގެ މުވައްޒަފުންނަށް ފަންނީ ދާއިރާތަކުން ތަމްރީނު ޕްރޮގްރާމްތައް ހިންގާނެ ކަމަށް ބީސީސީން ބުނެފައި ވެއެވެ. މީގެ އިތުރުން ދެ ފަރާތުން ވެސް ދިރާސާގެ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމަށް އެއްބަސްވެފައި ވެއެވެ.
އެއާއެކު، ބީސީސީން ވަނީ މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމަށް އެ ކޯޕަރޭޝަނާއި ސައިރިކްސް ކޮލެޖް ގުޅިގެން އިޖުތިމާއީ އިވެންޓްތަކާއި ވޯކްޝޮޕްތައް ބާއްވާނެ ކަމަށް އިއުލާންކޮށްފަ އެވެ.