ހއ. ދިއްދޫގައި ސަރުކާރުން އިމާރާތްކުރަމުންދާ 75 ހައުސިން ޔުނިޓު މަޝްރޫއުގެ 72 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
އެ މަޝްރޫއަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން 2022 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ހައުސިން މިނިސްޓްރީން އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކުރި މަޝްރޫއެކެވެ.
ދިއްދޫގައި 75 ހައުސިން ޔުނިޓު އަޅަން އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފައިވަނީ 120 މިލިއަން ރުފިޔާގެ އަގަކަށެވެ.
އެ މަޝްރޫއުގެ ދަށުން އިމާރާތްކުރާ 75 ހައުސިން ޔުނިޓުގެ މަސައްކަތުގެ ތެރެއިން ހުރިހާ ހައުސިން ޔުނިޓެއްގެ ރާނާ ސިމެންތި ޖަހައި ހިޔާކުރުމުގެ މަސައްކަތްތައް ނިމިފައިވާއިރު، ސީލިންގު ކުރުމުގެ 24 އިންސައްތަ މަސައްކަތް މިހާތަނަށް ވަނީ ނިންމައިފަ އެވެ. އަދި ޕުޓީ ލުމާއި ކުލަލުމުގެ 12 އިންސައްތަ، ދޮރު ހަރުކުރުމުގެ 13 އިންސައްތަ މަސައްކަތް ވަނީ ނިންމައިފައެވެ. އެ ހައުސިން ޔުނިޓުތަކުގެ ކަރަންޓު ވައިރިންކުރުމުގެ 36 އިންސައްތަ ނިމިފައިވާއިރު ފެންވައިރު ކުރުމުގެ 24 އިންސައްތަ މަސައްކަތް ވަނީ ނިންމައިފައިކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތު ދީފައި ވެއެވެ.
އެ މަޝްރޫއުގެ ދަށުން އިމާރާތްކުރަނީ ދެ ފަންގިފިލާގެ ރޯހައުސްތަކެކެވެ. އެއިން ކޮންމެ ރޯހައުސްއެއްގައި ތިން ކޮޓަރި، ތިން ފާހަނަ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރޫމް ހުންނާނެ އެވެ.
ދިއްދޫގައި އިމާރާތްކުރާ ހައުސިން ޔުނިޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފަސޭހައަށާއި ހިތްހަމަޖެހުމަށް އެ ސަރަހައްދު ވަށައިގެން އަލިކޮށް އެ ސަރަހައްދުގައި ޕާކަކާއި ވެހިކަލް ޕާކިން ޒޯނެއް ގާއިމުކުރުމަށް ހަމަޖެހިފައި ވެއެވެ.