ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ އިހުތިސޯސްގެ ތެރެއަށް ބަދަލު ކުރުމުގެ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދު ހޯދުމަށް ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ސިޓީ ކައުންސިލުން މިކަން ކުރަން ނިންމާފައިވަނީ މިއަދު ބޭއްވި އެ ކައުންސިލުގެ 4 ވަނަ ދައުރުގެ 165 ވަނަ ރަސްމީ އާންމު ޖަލްސާގަ އެވެ.
މި ޖަލްސާގައި ސިޓީ ކައުންސިލުން ރައީސް އަރިހަށް ދިއުމަށް ނިންމާފައިވަނީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް އެ ކައުންސިލްގެ އިހުތިސޯސްގެ ތެރެއަށް ބަދަލު ކުރުން ލަސްވެފައިވާތީ އެކަންކަމާ ގުޅިގެން އިރުޝާދު ހޯދުމަށެވެ. އެގޮތުން ކައުސިލުން ވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މި މަސައްކަތަށް އެއްބާރުލުން ނުދޭކަމަށް ތުހުމަތުކޮށްފަ އެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވަނީ ރައްޔިތުންނަށް މުނިސިޕަލް ހިދުމަތް ދިނުމަކީ ގާނޫނުގެ ތެރެއިން ސިޓީ ކައުންސިލުގެ ޒިންމާއެއްކަން ފާހަގަ ކުރައްވާފަ އެވެ. އަދި މި މަސައްކަތުގައި ލީކަލް ގަވަމެންޓް މިނިސްޓްރީގެ އެހީތެރިކަން ލިބުނު ނަމަވެސް އެޗްޑީސީގެ އެއްވެސް އެއްބާރުލުމެއް ނުލިބޭ ކަމަށް އާޒިމް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވަނީ ސިޓީސް މިނިސްޓްރީ މެދުވެރިކޮށް މިކަން ކުރާ ގޮތަށް. ސިޓީސް މިނިސްޓްރީންވެސް ވަރަށް ބޮޑަށް މަސައްކަތް އެބަ ކުރޭ. އެހެންނަމަވެސް އެޗްޑީސީގެ އެއްބާރުލުމެއް މިކަމުގައި ނުލިބޭ.
ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް މާލެ ސިޓީ ކައުންސިލުގެ ދަށަށް ބަދަލު ކުރުމަށް މާލެ ސިޓީ ކައުންސިލާއި އެޗްޑީސީއާއި ފިނޭންސް މިނިސްޓްރީއާއި ދެމެދު އެމްއޯޔޫގައި ސޮއި ކުރެވުނު ފަހުން 7 މަސް ވެގެންގޮސްފައިވާކަން މޭޔަރު ވަނީ ފާހަގަ ކުރައްވާފަ އެވެ.
ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުވެސް ވަނީ މިކަމާ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ނަރީޝް ވިދާޅުވީ އެޗްޑީސީން މިކަމުގައި ދޫދޭން ބޭނުންނުވާކަމަށް ހީވާ ކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެއްކަމަށް އެޗްޑީސީން ހިތަށް ނާރާކަމަށްވެސް ނަރީޝް ވިދާޅުވި އެވެ. މި މައްސަލައިގައި ރައީސްގެ އިރުޝާދަކަށް އެދުމަށް ހުށަހެޅީވެސް ޑެޕިއުޓީ މޭޔަރު ނަރީޝް އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހުޅުމާލެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަހުމަދު ނަރީޝް އާދަމް އާޒިމް، މާލެ ސިޓީ ކައުންސިލްގެ މޭޔަރ މާލެ ސިޓީ ކައުންސިލް