މަނީ އެކްސްޗޭންޖު ލައިސެންސް ލިބޭނީ ދިވެހިން ހިއްސާވާ، ދިވެހި މުވައްޒަފުން ތިބޭ ވިޔަފާރިތަކަށް ކަމަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅައިފި އެވެ.
އެމްއެމްއޭއިން އެކުލަވާލި މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދުގެ ދަށުން ފަސް އަހަރަށް ދޫކުރުމަށް ހަމަޖެހިފައި ވަނީ ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރި ކުރުމުގެ ލައިސެންސް އަދި ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ކުރުމުގެ ލައިސެންސް އެވެ.
އެހެން ނަމަވެސް ރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީ ކޮށްގެން ޓޫރިސްޓުންނަށް ހިދުމަތް ދޭ ތަންތަނުން ލައިސެންސަކާ ނުލައި ޓޫރިސްޓުން އަތުން ބޭރުފައިސާ ގަނެ އަދި ޓޫރިސްޓުންނަށް ބޭރު ފައިސާ ވިއްކުން ގަވާއިދުގެ ދަށުން ހުއްދަ އެވެ.
މި ގަވާއިދުގެ ދަށުން ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރި ކުރުމުގެ ލައިސެންސް ލިބޭނީ ކުންފުނީގެ ގާނޫނުގެ ދަށުން ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރި ކުރުމަށް އުފައްދާފައިވާ ކުންފުނިތަކަށް ކަމަށް އެމްއެމްއޭއިން ބުނެ އެވެ.
މި ލައިސެންސްގެ އެޕްލިކޭޝަން ފީއަކަށް 20،000ރ. ނަގާއިރު އަހަރީ ފީއަކަށް ނެގުމަށް ހަމަޖެހިފައި ވަނީ 24،000 ރުފިޔާ އެވެ. އަދި ދުވާލެއްގެ މައްޗަށް އެއް ކަސްޓަމަރަކަށް ނަގުދު ފައިސާއިން އެންމެ ގިނަވެގެން މުއާމަލާތު ކުރެވޭނީ 50،000 ރުފިޔާ ނުވަތަ އެއަށްވާވަރުގެ ބޭރު ފައިސާގެ އަދަދަކަށެވެ.
އެގޮތުން، ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރި ކުރުމުގެ ލައިސެންސް ލިބިފައިވާ ފަރާތްތަކުން، ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ހުރިހާ މުއާމަލާތްތަކެއް މޮނިޓާ ކުރެވޭނެ އިލެކްޓްރޯނިކް ނިޒާމެއް ވެސް ގާއިމު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން، ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ކުރުމުގެ ލައިސެންސް ލިބޭނީ ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ޓޫރިސްޓު ރިޒޯޓް ހިންގަން ހުއްދަ ނުވަތަ ލައިސެސް ލިބިފައިވާ ކުންފުނިތަކަށް ކަމަށްވެސް އެމްއެމްއޭއިން ބުނެ އެވެ.